ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން 46 ދާއިރާއަށް ވާދަކުރާނެ ކަމަށް ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢްލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ މީގެ ތެރެއިން 14 ދާއިރާ އެއްގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި މި 14 ދާއިރާ ފިޔަވައި ޖޭޕީން ވާދަކުރާ ދާއިރާތަކުގައި ޕީޕީއެމް އިން ތާއީދުކުރާނެ ކަމަށާއި އަދި ޕީޕީއެމުން އެކަނި ވާދަކުރާ ދާއިރާތަކުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ތާއީދުކުރާނެ ކަމަށެވެ. މީގެ އިތުރުން އެމްޑީއޭ އާއި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން 4 ދާއިރާއެއް އެ ޕާޓީއަށްވެސް ދޫކޮށްލެވިފައިވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމް ޢާއިއެކު އިތުރު އެއްވެސް ކަމަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި ހަމައެކަނި އެއްބަސްވެފައިވަނީ މަޖިލިސް އިންތިޚާބުގައި ގުޅިގެން ވީހައި ގިނަ ގޮނޑި ހޯދަން މަސައްކަތްކުރަން ކަމަށެވެ. އަދި އެގޮތަށް އެއްބަސްވާން ޖެހުނީ އެކުގައި މަސައްކަތްކުރަން ކޯލިޝަނުގެ ތެރެއިން ހަދާފައިވާ އެއްބަސްވުންތަކަށް އަމަލުކުރުން އެދި ތަކުރާރުކޮށް ކުރި މަސައްކަތްތަކަށް އެމްޑީޕީން އަމަލު ނުކުރުމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިޚާބު ނިމުމުން އެއްވެސް ކަމެއްގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީ އާއި އެއްގޮތަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައިވެސް މަޖިލީހުގައި ޖުމްހޫރީ ޕާޓީން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގޮނޑިތައް ކޯލިޝަނުގެ މެދުގައި ބަހާނެ އުޞޫލަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެއްބަސްވެވަޑައިގަތުމަށްފަހު އެންމެ ފަހު ވަގުތު އެމަނިކުފާނު ތާއީދު ކުރައްވަނީ ހަމައެކަނި އެންޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.