އިސްލާމް ދީނަށް ފުރައްސާރަކުރި މެލޭސިޔާގެ ރައްޔިތަކު 10 އަހަރާ 10 މަހަށް ޖަލަށް ލުމަށް މެލޭސިޔާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ. މިއީ މިފަދަ މައްސަލައެއްގައި މެސުލިމުންގެ އަޣްލަބިއްޔަތު އޮންނަ މެލޭސިޔާގެ ކޯޓަކުން ކުރި އެންމެ ބޮޑު ޙުކުމެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ފައުޒީ ހާރޫން ހޮނިހިރު ދުވަހު ޢާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ފޭސް ބުކުގައި އިސްލާމް ދީނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ފުރައްސާރަކޮށް 10 ކުށެއް އޭނާ ކުރިކަން ސާބިތުވެފައިވާ ކަމަށެވެ.
މެލޭސިޔާގެ ޤާނޫނު ބުނާގޮތުން މިފަދަ ކުށެއް ކޮށްފިނަމަ 2 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރެވިދާނެއެވެ. އިސްލާމް ދީނާއިމެދު ޞައްޙަ ނޫން މައުލޫމާތު ފަތުރައިފިނަމަ 1 އަހަރަށް ޖަލަށް ލެވިދާނެއެވެ. އަދި 50000 ރިންގިޓް (12200 ޑޮލަރު) އިން ޖުރުމަނާ ވެސް ކުރެވިދާނެއެވެ. އަދި 1 އަހަރަށް ޖަލަށްލުމާއިއެކުވެސް މި އަދަދުން ޖުރުމަނާ ކުރެވިދާނެއެވެ. އަދި މެލޭސިޔާގެ ޤާނޫނު ބުނާ ގޮތުން ވަކި މައްސަލަތަކެއްގެ ގޮތުގައި ޙުކުމްކޮށްފިނަމަ އެ ހުކުމްތައް ތަންފީޒުކުރަންޖެހޭނީ ވަކިވަކި ޙުކުމުގެ ގޮތުގައެވެ.
މިފަދަ މައްސަލަތަކުގައި އިތުރު ބައެއްގެ މައްޗަށް ވެސް އަންނަނީ ޝަރީޢަތް ހިންގަމުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރުން އިތުރުކުރުމަށް ހިތްވަރުދޭ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ބުނަނީ މިއީ ބޮޑުވަރު ކަމަށެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ޤާނޫނު އަސާސީގައި ބުނާ، އަދި އެގޮތުގައި ވެރިކަން ހިންގަން ސަރުކާރަށް ޤާނޫނު އަސާސީން ލާޒިމުކުރާ ދިވެހިރާއްޖޭގައި މިފަދަ ކަންކަން ކުރާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި މަތީ މަޤާމްތައް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.