އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު ތަހުގީގު ކުރި މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނެ ކޮރަޕްޝަނާއި ހިޔާނާތުގެ 238 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ އަހަރީ ރިޕޯޓް އާންމު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު އޭސީސީން ރަޖިސްޓްރީކުރި 932 މައްސަލައިގެ ތެރެއިން 238 މައްސަލައަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންތަކުގެ މައްސަލަތަކެއް ކަން މުއައްވިޒް ފާހަގަކުރެއްވި އެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނިސްބަތް ވަނީ ފެނަކަ ކޯޕަރޭޝަނަށެވެ. އެގޮތުން ފެނަކައިގެ 52 މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. ފެނަކައަށް ފަހު އެންމެ ގިނަ މައްސަލަތައް ނިސްބަތް ވަނީ އެސްޓީއޯއަށާއި ޕީއެސްއެމް އަށެވެ. އެގޮތުން އެސްޓީއޯގެ 31 މައްސަލައެއް ހުށަހަޅާފައިވާއިރު ޕީއެސްއެމްގެ 23 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.