މިއަދު ހެނދުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައީ) ކައިރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނަކަށް ހަމަލާދީ އޭނާ އަތުގައި ހުރި ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި، ދެ މީހަކާއި އުމުރުން 18 އަހަރު ނުފުރޭ ދެކުއްޖަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރު ނުފުރޭ ދެ ކުއްޖެއްގެ އިތުރުން އުމުރުން 23 އަހަރުގެ ދެ މީހެއް ކަމަށެވެ.
ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައިސް، އެސްބީއައި ކައިރިން ހިނގާފައިދިޔަ އެމީހާއަތުން ފައިސާތައް ފޭރިގެންފައިވަނީ އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހުއެވެ. ފޭރިގަތް ފައިސާގެ އަދަދަކީ 2،377،881.99 ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ.