މާމެންދޫން ކުޑަ ކުއްޖަކު ޢާއިލާއަށް ވަގަށް ގެންދަން އުޅުނު ޑިންގީގައި ތޫނު ހަތިޔާރު ހުރި: ފެނުނު މީހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މާމެންދޫން ކުޑަ ކުއްޖަކު ޢާއިލާއަށް ވަގަށް ގެންދަން އުޅުނު ޑިންގީގައި ތޫނު ހަތިޔާރު ހުރި: ފެނުނު މީހުން

އިއްޔެ ހައްދުންމަތި މާމެންދޫން ކުޑަ ކުއްޖަކު، އެކުއްޖާގެ ޢާއިލާއަށް ވަގަށް ގެންދަން އުޅުނު ޑިންގީގައި ތޫނު ހަތިޔާރު ހުރި ކަމަށް ޑިންގީގެ އެތެރެ ފެނުނު ކަމަށް ބުނާ ބައެއް މީހުން އެބަ ބުނެއެވެ. އަދި ކުއްޖާގެ ޢާއިލާއިން ވެސް ބުނަނީ ކުއްޖާ "ހައްދާލައިގެން" ގެންދަން އުޅުނީ މަރާލަން ކަމަށް ޤަބޫލުކުރާ ކަމަށެވެ.

އަންހެން ކުއްޖާއަކީ 16 އަހަރުގެ ކުއްޖެކެވެ. އެހެންކަމުން މި މައްސަލައަށް ބަލައިފިނަމަ ޢާއިލާއަށް ވަގަށް 18 އަހަރު ނުފުރޭ ކުއްޖަކު އެހެން ރަށަކަށް ގެންދަން އުޅުނު ކަމުގެ މައްސަލަ އެބަ ކުރިމަތިވެއެވެ.

މާމެންދޫގެ ކަތީބުކަން ވަރަށް ދިގުމުއްދަތެއްގައި ކުރައްވައި އަދި ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައިވާ އަބޫބަކުރު ޙުސައިން ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށެވެ. ރަށްރަށަށް އައިސް ކުޑަކުދިން ވަގަށް ނަގައިގެން މިގެންދަނީ ކޮން މަޤްޞަދެއްގައިކަން އޮޅުންފިލުވަން އެބަ ޖެހޭ ކަމަށެވެ. އަދި މިކަމުގެ ނެޓްވޯކްގެ މޫތައް ފޯރާފައިވަނީ ކިހައި ސަރަހައްދަކަށްކަންވެސް ބަލައިގެން ނޫނީ މައްސަލައަށް ޙައްލެއް ނުހޯދޭނެ ކަމަށެވެ.

އަބޫބަކުރު ޙުސައިން ވިދާޅުވީ ޝިމާ "ގެއްލުނު" މައްސަލަ އާއި އިއްޔެ ކުޑަ ކުއްޖަކު ވަގަށް ނެގި މައްސަލަ މާލެއިން ފުލުހުންގެ ޚާއްޞަ ޓީމެއް ގޮސް މައްސަލަ ތަޙްޤީޤްކޮށްގެން ނޫނީ އެއްވެސް ނަތީޖާއެއް ނެރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މި ދެ މައްސލައިގެ ތަޙްޤީޤް ގަން ނޫން ރަށެއްގައި ކުރިއަށް ގެންދިއުންވެސް މުހިންމު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. "މިހެން ދަންނަވަން މިޖެހެނީ މިކަމުގެ ސީރިއަސްކަން ބޮޑުކަމުން. ރަށްރަށުން ކުދިން ވަގަށް ނަގައިގެން ގެންދާނަމަ މިއީ ވަރަށް ނުރައްކާތެރިކަމެއް. ނެޓްވޯކުން ރާވާލާފައި މާދަމާ ވަގަށް ނަގާނީ ކާކުގެ ދަރިއެއްކަމާއިމެދު މިވަނީ ބިރުގަންނަން ޖެހިފަ."

ޝިމާ ހޯދުމުގެ މަސައްކަތް ކުރިއަށް ދިއަ ގޮތުގެ މައުލޫމާތު ފުލުހުންނާއި ސިފައިން އެކަށީގެންވާ ގޮތަކަށް ހާމަ ނުކުރާކަން ގިނަ ބައަކު ފާހަގަކުރެއެވެ. "ދާދިފަހުން އައްޑޫން ކުއްޖަކު ގެއްލުނީމާ ދެ އިރަށް މައުލޫމާތުދިން. ކުއްޖާ ހޯދަން ކުރާ މަސައްކަތްތަކާއި ނެރެވޭ ނަތީޖާވެސް އަނގައިދިން. އެކަމަކު ޝިމާ "ގެއްލުނު" މައްސަލައިގައި މިފަދަ ގޮތަކަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ." މާމެންދޫގެ ބައެއް މީހުން ބުނެފައިވެއެވެ.

ޑިންގީގައި ތޫނު ހަތިޔާރު ހުރިކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން