ތ. ތިމަރަފުށީ ހިއްކި ސަރަޙައްދުން، އެއާޕޯޓު މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގާ ދުއްވާފައި ދިޔަ ވޭނަކުން ޖެހި އެމީހާގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ އަންހެނަކަށެވެ. އޭނާގެ ބޮލުގެ ތިން ތަނަކުން ފަޅައިގެން ގޮސް، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިއެކްސިޑެންޓުގައި އަނިޔާވީ މީހާއަށް ތިމަރަފުށީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި މާލެ ގެނައުމަށް ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.