މަދިރި މަދުކޮށް މަދިރިން ރައްކާތެރިވުމަށް މުޅި މާލެ އެއްކޮށް އެއްފަހަރާ ފޮގު ކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެފިއެވެ.
އެޗުޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރު ފާތިމަތު ފައުޒާ އިބްރާހީމް ވިދާޅުވީ ހުމާއި ރޯގާ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި މިގޮތުން މާލެއާއި ހުޅުމާލޭގައި ވެސް ފެތުރެމުންދާ ކަމަށެވެ.
މާލެ ސަރަޙައްދުގެ އިތުރުން ރ.އަތޮޅާއި އދ.އަތޮޅުގައި ވެސް ހުމާއި ރޯގާ ގިނަކަން ފާހަގަކުރެވޭ ކަމަށް ފައުޒާ ވިދާޅުވިއެވެ.
މީގެއިތުރުން ފައުޒާ ވިދާޅުވީ ޑެންގީއާއި ވައިރަލް ހުމާއި އަދި ޗިކުންގުންޔާ ވެސް ކޮންމެވެސް ވަރަކަށް މިދުވަސްވަރު ފެތުރޭ ކަމަށާއި، އެކަން ކޮންޓްރޯލް ކުރުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުން އިސްނަގައިގެންވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މުޅި މާލެ ފޮގު ކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެމްއެންޑީއެފާއި، ސިޓީ ކައުންސިލާއި، އެޗުޕީއޭ ގުޅިގެން ކަމަށް ވެސް ފައުޒާ ވިދާޅުވިއެވެ. މިހާރު ފޮގު ކުރަނީ ޝަކުވާއެއް ލިބުމުން ކަމަށާއި ނަމަވެސް މިފަހަރު މުޅި މާލެ އެއްކޮށް އެއްފަހަރާ ފޮގުކުރާނެ ކަމަށް ފައުޒާ ވިދާޅުވިއެވެ.
މީގެއިތުރުން ފައުޒާ ވިދާޅުވީ ހުޅުމާލޭގައި ވެސް ރައްކާތެރިކަމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޗުޑީސީއާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން އަޅަމުންދާ ކަމަށެވެ.