ތ. ތިމަރަފުށީގެ ހިއްކި ސަރަޙައްދުގައި އެއާޕޯޓަށް ދާން އޮންނަ މަގުގައި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ ޒުލޭޚާ އަބްދުލް ޣަނީ (52އ.) އެވެ.
ވޭމަންޑޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެ މެންދުރުފަހު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ޒުލޭޚާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. އަދި އޭނާ ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޒުލޭޚާގެ ފަސް ކުދިން ތިބެއެވެ.
ޒުލޭޚާގެ ހާލަތާއިމެދު މައުލޫމާތު ހޯދާލުމަށް "މިއަދުނޫހުން" ޤިޔާސް އަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ވަނީ މައުލޫމާތެއް ހޯދޭގޮތް ނުވެފައެވެ. ނަމަވެސް "މިހާރު" އަށް މައުލޫމާތު ދެއްވަމުން ޤިޔާސް ވިދާޅުވީ އޭނާގެ މައިދައިތަގެ ސިކުނޑީގެ އޮޕަރޭޝަނެއް ރޭގައި ކޮށްފައިވާ ކަމަށާއި މައިދައިތަގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓަކާއި ދެ ދަތް ވެސް ބިނދިފައިވާ ކަމަށެވެ.