މުސްލިމުން ހުކުރަށް ތިއްބައި ނިޔުޒީލަންޑްގެ އަލް ނޫރު މިސްކިތަށް އަރައި ބަޑި ޖެހި މީހާ މިސްކިތަށް އެރީ ހުސްފައިގައި ހުރެ އަދި ބަޑި ވެސް ފެންނަ ގޮތަށް ދައްކައިގެން ކަމަށާއި މިސްކިތަށް އެރި ގޮތަށް ވަކި މީހަކަށް ބެލުމެއް ނެތި ބަޑިޖަހަން ފެށީ ކަމަށް ފުލުހުން ބުނެފިއެވެ.
ނިޔުޒީލަންޑުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާ ޢާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ 4 މީހުންގެ ތެރޭގައި ފުލުހުން ފާރަލަމުންދާ އެއްވެސް މީހަކު ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ވަނީ ބުނެފައެވެ. "ބަންދު ކުރެވިފައިވާ އެކަކު މިކަމުގައި ބައިވެރިވި ވަރާއިމެދު އަދި ވެސް ސުވާލު އުފެދޭ. އަނެއް ދެމީހުންގެ މައްސަލަ މިގެންދަނީ ބަލަމުން. ބަޑި ޖެހި މީހާ މާދަން ކޯޓަށް ހާޒިރުކުރާނަން."
މައިކް ބުޝް ބުނީ އެ ސަރަހައްދުގައި އޮތް ވެހިކަލަކުން ނުރައްކާތެރި ހަތިޔާރު ފެނިފައިވާ ކަމަށާއި އެއިގެ ތެރޭގައި ގޮއްވާލަން ތައްޔާރުކޮށްފައި އޮތް 2 ބޮން ވެސް ހިމެނޭ ކަމަށެވެ.
މިހަމަލާގައި މިހައިތަނަށް 49 މީހަކު މަރުވެފައިވާއިރު 41 މީހުން މަރުވީ އަލް ނޫރު މިސްކިތުގައެވެ. ލިންވުޑް މިސްކިތުގައި މަރުވީ 7 މީހުންނެވެ. އެކަކު މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިއަފަހުންނެވެ.