ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުޙައްމަދު ޒާހިރު އަވަހާރަވެއްޖެ

ކިޔުމަށް ހޭދަވާނީ 2މ 5ސ
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުޙައްމަދު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި، ބުރެވިމާގޭ މުޙައްމަދު ޒާހިރު އަވަހާރަވެއްޖެއެވެ. ޒާހިރަކީ އަކީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާވެސް މެއެވެ.

 

އަވަހާރަވީއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 92 އަހަރެވެ. މުޙައްމަދު ޒާހިރު އަވަހާރަވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ގައެވެ.

 

އެމަނިކުފާނު ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލްއަޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ހިމެނެއެވެ. އޭގެއިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ވެސް އަދާކުރުމަށްފަހު، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް ބުރަވިމާގޭ ޒާހިރު އަދާކުރެއްވިއެވެ.

 

ޒާހިރު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަން ވެސް ކުރައްވާފައެވެ.

 

އެންމެ ދިގު މުއްދަތެއްގައި ޒާހިރު ޚިދްމަތް ކުރެއްވީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމު އެމަނިކުފާނު އަދާކުރެއްވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ޒާހިރު ކުރެއްވި އެވެ.


މާތް ﷲ މުޙައްމަދު ޒާހިރުގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި، އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އެއާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.


إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މިއަދު އޮންލައިން