ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލައި، ސަރުކާރަށް ޖެއްސުން ކުރާ އެެއްވެސް ބަޔަކާއި ބައިވެރި ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ހުސެއިން ސޯލިހް ވިދާޅުވެއްޖެއެވެ.
ހުސެއިން ސޯލިހްގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ހިތަދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ސޯލިހު ވިދާޅުވީ "އަޅުގަނޑު ހުންނާނީ ރައީސް އާއި އެކު އައްޑޫ އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމުގައި" ކަމަށާއި ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލައި، ސަރުކާރަށް ޖެއްސުން ކުރާ އެެއްވެސް ބަޔަކާއި ބައިވެރި ނުވާނެކަމަށެވެ.
ހުސެއިން ސޯލިހް ވިދާާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ދެވަނަ ފަހަރަށް ކުރިމަތިލި މައިގަނޑު ސަބަބަކީ ރައްޔިތުންގެ ސީދާ އަޑު މަޖްލިސްގެ ތަޅުމުގައި އިއްވުމަށް ކަމަށާއި، މަޖްލިސް ތެރޭގައި އިއްވާނީ ސީދާ ރައްޔިތުންގެ އަޑު ކަމަށެވެ.
މި ފަހަރު ރައްޔިތުން ވޯޓު ދެއްވައި ހިތަދޫ މެދު ދާއިރާ ގޮޑިއަށް ހޮވައި ދެއްވައިފިނަމަ އައްޑޫގެ އަނެއް 6 މެމްބަރުންނާއި އެކު މުޅި އައްޑޫ ތަރައްޤީ ކުރުމުގައި އިސްކޮށް ހުންނާނެކަމަށްވެސް ހުސެއިން ސޯލިހު ވިދާޅުވިއެވެ.