ނިޔުޒީލަންޑްގެ ބޮޑުވަޒީރު، ޖަސިންޑާ އާޑަން ހިޖާބަ އަޅުއްވައިގެން ވަޑައިގެން މުސްލިމުންނާއި ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
ކެންޓަބަރީ ރިފިޔުޖީ ކޭމްޕުގައި ގަޑިއެއްހައި އިރު ޖަސިންޑާ ހޭދަކުރެއްވިއިރު ގިނަވަގުތުތަކުގައި ހުންނެވީ "ފެންކަޅިވެފަ" އެވެ. އަދި ވިދާޅުވީ މުސްލިމުންނާއި ބައްދަލުކުރެއްވީ ނިޔުޒީލަންޑް ރައްޔިތުން ތިބީ މުސްލިމުންނާއިއެކުގައިކަން ހާމަ ކުރައްވައި މުސްލިމުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. "ނިޔުޒީލަންޑް މިއޮތީ މުސްލިމުންނާއިއެކު. މުސްލިމުންނަށް ލިބުނު ހިތާމައިގަ ބައިވެރިވެ."

ކޮންމެ ނިޔަތެއްގައި ނަމަވެސް ބޮޑުވަޒީރު ޙިޖާބަ އަޅުއްވައި މުސްލިމުންނާއި އެފަދަ ގާތްކަމެއް ބެހެއްޓެވެމުން އެބައެއްގެ ފާޑުކިޔުން ބޮޑުވަޒީރަށް އަމާޒުކުރިއިރު އަނެއް ބައަކު ދަނީ ބޮޑުވަޒީރަށް ހެޔޮ ދުޢާކުރަމުންނެވެ. "ދުޢާއަކީ ތިއަ ޙިޖާބަ ބޮޑުވަޒީރުގެ ގައިކޮޅުގައި އަބަދުވެސް އޮންނާނެ ގޮތެއް މިންވަރުފުޅު ކުރެއްވެވުން" ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

މުސްލިމުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ އިއްޔެގެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އޭނާއަކީ ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހެއް ނަމަވެސް ޤަވާއިދާއި ޚިލާފަށް އެނާ 5 ހަތިޔާރު ގެންގުޅެފައިވާ ކަމަށެވެ. "2 ސެމީއޮޓމެޓިކް ބަޑި، 2 ޝޮޓްގަން، އަދި ލޯޑްކޮށްގެން ޖަހާ ބަޑިއެއް."
ބޮޑުވަޒީރު ވިދާޅުވީ 2005، 2012، 2017 ވަނަ އަހަރުވެސް ނިޔުޒީލަންދުގައި ހަތިޔާރު ގެންގުޅުމުގެ ޤާނޫނަށް ބަދަލުތައް ގެންނަން މަސައްކަ ކުރެވުނު ކަމަށާއި އެކަން މިފަހަރު ކުރަން ޖެހޭ ކަމަށެވެ.
ބޮޑުވަޒީރު ވަނީ މިހަމަލާ ދިނުމުގައި އޮސްޓްރޭލިއާގެ ދައުރެއް އޮތްކަން ދޭހަވާ ގޮތަކަށްވެސް ވާހަކަފުޅު ދައްކަވައިފައެވެ. "ބޯޑަރ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރަން ޖެހޭ. ޓެރަރިޒަމްގެ ކަންކަމުގަ 2 ޤައުމު އިތުރަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރަންޖެހޭ." ކަމަށް ވަނީ ވިދާޅުވެފައެވެ.