އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރަން އަހަރެންގެ ފުރާނަ ދޫކޮށްލަން އަބަދުވެސް ހުންނަނީ ތައްޔާރަށް! - ކޮންމެވެސް ވަގުތަކު މަރުވާނެ: ބަޠޮލް ޢަބްދުލްޢަޒީޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރަން އަހަރެންގެ ފުރާނަ ދޫކޮށްލަން އަބަދުވެސް ހުންނަނީ ތައްޔާރަށް! - ކޮންމެވެސް ވަގުތަކު މަރުވާނެ: ބަޠޮލް ޢަބްދުލްޢަޒީޒް

"އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރަން އަހަރެންގެ ފުރާނަ ދޫކޮށްލަން އަބަދުވެސް ހުންނަނީ ތައްޔާރަށް! ކޮންމެ ގޮތެއްވީނަމަވެސް ކޮންމެވެސް ވަގުތަކު މަރުވާނެ! ކީއްވެ މަރުވަން ބިރުގަންނަންވީ؟" ނިޔުޒީލަންޑުގައި އިއްޔެ މިސްކިތުގައި ބަޑިޖެހި މީހާގެ އަތުން ބަޑި އަތުލި ހިތްވަރު ގަދަ ބަޠޮލް ޢަބްދުލްޢަޒީޒް ބުނެފައިވެއެވެ. 

ޢަބްދުލްޢަޒީޒް ފުރަތަމަ މަސައްކަތްކުރީ ޓެރަރިސްޓް އޭނާގެ ފަހަތުން ދުއްވާށެވެ. ނަމަވެސް ކަންދިމާވި ގޮތުން ޓެރަރިސްޓަށް އޭނާ ނުފެނުނީ ކަމަށްވެދާނެއެވެ. އެގޮތަށް ކަންތައް ކުރަން މަސައްކަތްކުރީ މިސްކިތުގައި ތިބި މީހުން މިސްކިތުން ފައިބައިގެން ފިލަން ފުރުޞަތު ދިނުމުގެ ގޮތުންނެވެ. ޢަބްދުލްޢަޒީޒް ޓެރަރިސްޓާއި ކުރިމަތިލީ އޭނާގެ ހަތަރު ދަރިން މިސްކިތުގައި ބޭތިއްބުމަށްފަހުގައެވެ. 

ޓެރަރިސްޓަށް ލިންވުޑް މިސްކިތަށް ނުވަދެވުނީ ޢަބްދުލްޢަޒީޒްގެ ސަބަބުންނެވެ. އެހެންކަމުން މިހާދިސާ ސިފަކުރަން ބައެއް މީހުން ބުނެފައިވަނީ މިއީ ބުޅަލެއް ފަހަތުން ދުވެ މީދަލެއް ރޭސް ކާމިޔާބު ކުރުން ކަމަށެވެ. 

ޢަބްދުލްޢަޒީޒް ބުނީ އޭނާ ބޭނުންވީ ކޮންމެ ފަދަ ޤްރްބާނީއެއް ވެގެން ނަމަވެސް ޓެރަރިސްޓަށް މިސްކިތަށް ނުވަދެވޭނެ ގޮތް ހެދުން ކަމަށެވެ. ޓެރަރިސްޓް އަތުން ވެއްޓިފައި އޮތް ބަޑިއެއް ޢަބްދުލްޢަޒިޡް ނެގިއެވެ. ނަމަވެސް އެ ބަޑީގައި ވަޒަން ނެތުމުން ބަޑިޖެހޭނެ ގޮތް ނުވީއެވެ. ޓެރަރިސްޓުގެ ކާރުގެ ބިއްލޫރިގަނޑު ތަޅައިލީ އެބަޑީން ޖަހައެވެ. 

"އެ ޓެރަރިސްޓައީ އެއްވެސް ހިތްވަރެއް ހުރި މީހެއް ނޫން. އަދި އެއްވެސް ބާރެއްވެސް ހުރި މީހެއް ނޫން. އެއީ އެއްވެސް ބާރެއް ނޫނީ ހިތްވަރެއް ހުރި މީހަކު ނަމަ މީހުންނާ ކުރިމަތިލާނީ! ބަޑި ޖަހާނީ އެއް ނޫން! ކުޑަ ކުއްޖެއްގެ އަތަށްވެސް ބަޑިއެއް ދީފިނަމަ ގެއްލުން ތަކެއް ދޭނެ. އެ ފިނޑި މީހާ އެކުރީ އެފަދަ ކަމެއް!" 

އަފްޣާނިސްތާނަށް އުފަން އުމުރުން 48 އަހަރުގެ ޢަބްދުލްޢަޒީޒް، އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން އިއްޔެ ކުރި ހިތްވަރުން އޭނާ މިއަދު ވަނީ ދުނިޔޭގެ ކުރިމަތީގައި ބަޠޮލުންގެ ބަޠޮލަކަށްވެފައެވެ. ޢަބްދުލްޢަޒީޒްގެ ހަޤީޤަތް ނޭނގި ފުލުހުން އޭނާ ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ޙަޤީޤަތް އެނގުމުން ދޫކޮށްލީއެވެ.

މީހެއްގެ ފުރާނަ ސަލާމަތް ކުރި މީހަކީ މުޅި އިންސާނިއްޔަތަށް ދިރުން ގެނެސް ދިން މީހެއް ފަދަ ކަމަށް އޮތް އިރު ޢަބްދުލްޢަޒީޒަށް އޭނާ ކުރި ހިތްވަރަށާއި ވީޤްރްބާނީގެ ފުރިހަމަ ސަވާބާއި ދަރުމަ ދެއްވަވާށި! އާމީން.

މިއަދު އޮންލައިން