އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 26ސ
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސްޝްމާ ސުވަރާޖު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވާ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. 

މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސްޝްމާ ސުވަރާޖު ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު ހިއްސާ ކުރައްވައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. 

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހަނާން ޙުސައިން އަދި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާ ފޮޓޯ: މަޖިލީހުގެ އިދާރާ

މިއަދު އޮންލައިން