ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ޑޭ ބާއްވައި،16 ހަފްތާގެ އެކްސެލެރޭޓަރ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ތިން ސްޓާޓް-އަޕް ކުންފުނިތަކުގެ ޚިދުމަތްތައް ދައްކާލައިފިއެވެ. މި އިވެންޓުގައި މި ތިން ކުންފުންޏަށް އިތުރަށް އިންވެސްޓުކޮށް، އުރީދޫ މޯލްޑިވްސްގެ ފަރާތުން ސީޑް-ފަންޑިންގ ފޯރުކޮށްދޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ.
މި އެހީތެރިކަން ލިބިފައިވަނީ:
· އައިޑިއަނައިޒް: ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަސޭޝަން އޭޖެންޓު ނުވަތަ ޗެޓްބޮޓުތައް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލައިޒްކޮށްދޭ ކުންފުންޏެއް.
· ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒްކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.
· ބީ2ބީ މޯލްޑިވްސް:އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.
ހޮޓެލް ޖެންގައި މިރޭ ކުރިއަށްދިއަ ނިރު އެކްސެލެރޭޓަރގެ ޑެމޯޑޭ ގައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ،މުޙައްމަދު މަލީޙް ޖަމާލް؛ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު؛ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، އަހުމަދު ސައީދު މުހައްމަދު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އަދި ރާއްޖޭގެ ކުދިވިޔަފާރިތަކާއި އެންޓްރަޕްރިނިއާޝިޕްގެ ދާއިރާއިން ފުންނާބުއުސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ "ނިރު އެކްސެލެރޭޓަރ ގެ އައު ލަނޑުދަނޑިއެއް ކަޑައްތުކޮށް، މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް. ނިރުގެ ފުރަތަމަ ފިޔަވަހި ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށްގޮސްފައިވާއިރު، އަޅުގަނޑުމެންގެ މި ދަތުރުގައި އެހާ އުފެއްދުންތެރި އަދި މަސައްކަތަށް ޝައުގުވެރިވާ ޓީމްތަކެއް ހިމެނުމަކީ، އުރީދޫ އަށް ލިބުނު އުފަލެއް. ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ އަމާޒަކީ، ރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ވަރުގަދަކޮށް، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިމެނޭ ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމާއި އެކު، ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުން. ނިރުގެ ފުރަތަމަ އަހަރުގެ ތަޖުރިބާ އާއި އެކު، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ ޒުވާނުންނަށް ކާމިޔާބީ ހޯދޭނެކަމާއި މެދު އަޅުގަނޑުމެންގެ ޔަގީންކަން އިތުރަށް ވަރުގަދަވެފައިވޭ. އަދި މިއަހަރުގެ ޕްރޮގްރާމުގެ އަލީގައި، އަޅުގަނޑުމެން މަސައްކަތްކުރާނީ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް އިތުރަށް ބިނާކޮށް، ބައިވެރިންނަށާއި، ރާއްޖޭގެ ވިޔަފާރީގެ ވިއުގައަށް އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމަށް." ކަމަށެވެ.
ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، އުރީދޫ އާއި ޑައިލޮގް އެކްޒިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.
މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ. ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމާއި އެކު، ސީޑް ފަންޑިންގ ފޯރުކޮށްދިނުމުގެ އިތުރުން، އެހެނިހެން އިންވެސްޓްމަންޓު ހޯދުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން، އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓްއަޕްތައް ޕިޗްކޮށް، އިތުރު ކުރިއެރުން ފަހިކޮށްދިނުމަށް އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.
ނިރު އެކްސެލެރޭޓަރ ފުރިހަމަ ކުރާ އެންމެހާ ޓީމުތަކަށްވެސް، އުރީދޫގެ ޕާޓްނަރެއްގެ ގޮތުގައި، ދިގުމުއްދަތަށް ދެމިގެންދާނެ އެހީތެރިކަމާއި ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި މުސްތަޤްބަލުގައި، މި ބައިވެރިން ވެގެންދާނީ، މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާނެ ގިނަ ސްޓާޓް-އަޕް ތަކެއް ހިމެނޭ ކޮމިއުނިޓީއެއްގެ ތަމްސީލުވެރިންނަށެވެ.