ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް!

ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކުރިއަށް ގެންދާ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ވީޑިއޯ ސްކިޓް ފޮނުވައިގެން އިނާމު ލިބޭ ހަރަކާތެއް ފަށައިފިއެވެ.

އެމްއެމްއޭ އިން ބުނީ މި ހަރަކާތަކީ 12 އަހަރުން ދަށުގެ ކުދިން ފައިސާއާމެދު ދެކޭ ގޮތް ކުރު ވީޑިއޯއެއްގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ ހަރަކާތެއްކަމަށެވެ. އަދި މީގެ ބޭނުމަކީ ފައިސާއާއި މާލީ ކަންކަމާ ގުޅޭ ގޮތުން ތުއްތު އިރުއްސުރެ ވިސްނައި ފިކުރުހިންގުމަށް މަގުފަހިކޮށް މި ފަދަ މައުޟޫތަކަށް ބެލެނިވެރިންނަށް ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކޮށްދިންކަމަށެވެ.

ވީޑިއޯ ސްކިޓްގެ ހަރަކާތުގައި ބައިވެރިވުމަށް ޓަކައި "ފައިސާ ބޭނުންވަނީ ކީއްވެ؟"  ނުވަތަ "ފައިސާ ރައްކާކުރަނީ ކިހިނެއް؟" މި  ދެ ސުވާލުގެ ތެރެއިން ކޮންމެ ވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ތައްޔާރުކުރުމަށް ފަހު 9494999 ޓެލެގްރާމް ކުރައްވާނީއެވެ. އަދި ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު ޖައްސަވަންވާނެއެވެ. ވީޑިއޯ ފޮނުންވުމުގެ އެއްމެ ފަހު ތާރީޚަކީ މިމަހު 24 އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓަކައި ފޮނުވާ ވީޑިއޯތައް 'ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް' ފޭސްބުކް ޕޭޖްގައި ދާނީ ހިއްސާ ކުރަމުންނެވެ. އަދި ފޮނުއްވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގައެވެ. އެގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެމްއޭ ގުޅިގެން ބައެއް ސުކޫލްތަކުގައި ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށް ކުރެހުމުގެ މުބާރާތެއް ވެސް ފަށައިގެން ކުރިއަށް ދެއެވެ. މީގެ އިތުރުން ވެސް ގްލޯބަލް މަނީ ވީކް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ވަނީ ރާވާފައެވެ.

ގްލޯބަލް މަނީ ވީކް ފޭސްބުކު ޕޭޖް 

https://www.facebook.com/gmw2019mv

މިއަދު އޮންލައިން