ދެ ފިރިހެން ކުދިންގެ މަންމައެއް ކަމުގައިވާ ޖެނެޓް ބްރައުން އަކީ އުފެދުނު އިރުވެސް ދެ އަތްތިލަ ނެތް މީހެކެވެ. އެމެރިކާގެ ނޯތު ކެރޮލައިނާ އަށް އުފަން ޖެނެޓް ބުނި ގޮތުގައި އޭނާއަށް ޖެހިފައިވަނީ ކޮން ނަމެއް ކިޔާ ބައްޔެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.
އުމުރުން 31 އަހަރުގެ ޖެނެޓް ގެ ދެއަތުގައި ވެސް އުފެދިފައި ހުރީ އެެއްމެ އިނގިއްޔެކެވެ. އަތްތިލައެއް ނެތެވެ. އަދި ދެ ފައިތިލައިގަވެސް ބައެއް އިނގިލިތައް މަދެވެ. އެހެންކަމުން އޭނާއަށް އެރެނީ ވަކި ގޮތަކަށް ހުންނަ ފައިވާނާއި ބޫޓަށް އެކަންޏެވެ.
އުފެދުމުގައި މިފަދަ ނުކުޅެދުންތެރިކަމެއް ހުރި ކަމުގައިވިޔަސް، ޖެނެޓް އަކީ ހީވާގި މައެކެވެ. ގޭތެރޭގެ ހުރިހާ މަސައްކަތަކާއި އޭނާގެ ދަރިންގެ ހުރިހާ ކަމެއްވެސް އަމިއްލައަކަށް ކުރުމުގެ އިތުރުން އޭނާއަކީ އާމްދަނީ ހޯދުމަށް ޓެކްސީ ދުއްވާ މީހެކެވެ.
"ގޭތެރޭގައި ނުހުންނާނެ އަހަންނަށް އަމިއްލައަށް ނުކުރެވޭނެ ނުވަތަ އެހެން މީހެއްގެ އެހީ ހޯދަންޖެހޭނެ މަސައްކަތެއް. ބައެއް ފަހަރު އަހަރެން އެއްޗެއް ގަންނަން ފިހާރައަކަށް ނޫނީ މާރކެޓަށް ދިޔައިމަ ބައެއް މީހުން ބުނޭ އެހީވެދެންހޭ. އަހަރެން އެމީހުންނަށް ޝުކުރު އަދާކޮށްފަ ބުނަން ނޫނެކޭ އަހަންނަށް އެކަނި ކުރެވޭނޭ" އެމެރިކާގެ މެގަޒިން އަކަށް ދިން ބަސްދީގަތުމެއްގައި ޖެނެޓް ބުނެފައިވެއެވެ.
ޖެނެޓް އަކީ އަމިއްލައަށް ހުރިހާކަމެއްކޮށް ވަޒީފާއެއް އަދާކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖަމިއްޔާއެއް ވެސް ހިންގާ މީހެކެވެ. އޭނާ ބުނިގޮތުގައި އެޖަމިއްޔާގެ ބޭނުމަކީ ތިމާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުގައިވީ ނަމަވެސް އުންމީދު ކަނޑާނުލާ، ބާކީނުވެ، ދިރިއުޅުމަށް އެކިއެކި ކަންކަން ކުރުމުގެ ހިތްވަރު ދިނުމެވެ.
"ހަގީގީ ނުކުޅެދުންތެރިކަމަކީ ކަންކަމާއިމެދު ތިމާ ދެކޭ ގޮތް. ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ. އަތެއް ފައެއް ނެތުމުގެ މާނައަކީ އުމުރު ދުވަހު އެހެން މީހުންނަށް ބަރޯސާވުމެއް ނޫން، އެގޮތަށް ގިނަ ދުވަހު ތިމާއަށް އެހީތެރިވެދޭނެ މީހަކު ވެސް ނުހުންނާނެ. އަމިއްލައަށް ކަންކަން ކުރަން ދަސްކޮށް، ކުރީމަ ލިބޭ ހިތްހަމަ ޖެހުން ވެސް މާބޮޑުވާނެ. ކުރެވޭތޯ މަސައްކަތް ވެސް ނުކޮށް ނުކުރެވޭނެކަމަށް ނިންމުމަކީ ގޯހެއް، ނުކުޅެދުންތެރިކަމެއް" ޖެނެޓް ބުނެފައިވެއެވެ.