ބެޑްމިންޓަންގެ ބައިނަލްއަޤްވާމީ 3 މުބާރާތެއް މިއަހަރު ބާއްވާނެކަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ހާމަކޮށްފައިވާ އިރު، މިއީ އަތޮޅުތަކުގައި ބެޑްމިންޓަން އާލާކުރުމަށް ހުޅުވިގެންދާނޭ ދޮރުތަކެއްކަން ޔަގީނެވެ.
އެގޮތުން ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް މިފަހަރު އައްޑޫސިޓީގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވުމަކީ މިކަމުގެ ހެއްކެކެވެ.
އައްޑޫސިޓީގައި ބާއްވާ އޭޝީޔާގެ 21 އަހަރުން ދަށުގެ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް އޮކްޓޯބަރ މަހުގެ 1 އިން 7 އަށް ބޭއްވުމަށް ނިންމާފައިވާ އިރު، ސެޕްޓެމްބަރު 17 އިން 22 އަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީސް މުބާރާތް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އަދި ސެޕްޓެމްބަރު 24 އިން 29 އަށް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ އޭޝިއާގެ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް އައްޑޫސިޓީގައި ބޭއްވުމަށް ނިންމީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށް މުޅި ރާއްޖެއަށް ބެޑްމިންޓަން ފުޅާކުރުމުގެ ވިސްނުމުގައި ކަމަށެވެ.
ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ފާއިތުވި އަހަރުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، މެޑަލް ޙާޞިލުކުރަމުން އަންނަ ދުވަސްވަރެއްގައި މިއީ ރަނގަޅު ފާލަކަށް ވާނެކަން ޔަގީނެވެ.
ސަބަބަކީ ރާއްޖޭގެ ކުޅުންތެރިން އަންނަނީ ދުނިޔޭގެ ރޭންކިންގގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން ކަމަށްވާތީއެވެ.
ބައިނަލްއަޤަވާމީ ބެޑްމިންޓަން މުބާރާތެއް ރާއްޖޭގައި އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުއެވެ.