ބެލެނިވެރިންތަކެއް ޝަކުވާއާގުޅިގެން އިންޓަރ ސްކޫލް ކެރަމް މުބާރާތް މުއްދަތެއްނެތި ފަސްކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ފެށުމަށް ކުރިން ތާވަލުކޮށްފައިއޮތީ މާރޗް 31 ގައެވެ.
ނަމަވެސް މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކުގެ ބެލެނިވެރިން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން މި މުބާރާތް މިހާރު ވަނީ ފަސްކޮށްފައެވެ.
ބެލެނިވެރިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ކެރަމް ހޯލް ހިރަފުސްވުމާއި އޭސީގެ މައްސަލައާއި ހޯލުގެ ފްލޯރިންގގެ މައްސަލަ ހިމެނެއެވެ.
އެހެންނަމަވެސް ކެރަމް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ރިފާއު އާމިރު ވިދާޅުވީ ހޯލުގެ އޭސީތަކަށް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
"ހޯލުހުރި އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކަށް ނޭނގި ކަރަންޓު ދުއްވާލެވުނީމަ ހޯލުގަ ހޫނުގަދަވި. ދެން ފްލޯރިންގެ މައްސަލަ ހައްލުކުރަން ހޯލުގައި ކާޕެޓް އެޅުމަށް މަސައްކަތް ކުރަމުން މިދަނީ" އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ބޭއްވުމަށް ނިންމާފައިވާ މި މުބާރާތަކީ ކެރަމް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޚާބުވުމަށްފަހު ބާއްވަން މަސައްކަތްކުރާ ފުރަތަމަ މުބާރާތެވެ.