ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދުން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.
މިމަހުގެ 21 ވީ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެޤައުމުގައި ތަންފީޒު ކުރަމުންދާ ކާފިއުއާއި ގުޅިގެން، ލަންކާގެ ސަލާމަތީ ފަރާތްތަކުން ގެންދަނީ އެޤައުމުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޤައުމުގައި ކާކުކަން ނޭންގޭ ގޮތަށް މޫނު ނިވާކުރުން ނުވަތަ، މޫނު ބުރުގާ އެޅުން އެޤައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ޤައުމަކަށްވުމުން މިކަމަށް ސަމާލުވުމަށް އެޤައުމުގައިހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިޙާލަތުގައި ލަންކާ ސަރުކާރުން އަންގާ އެންގުންތަކަށް ބޯލެނބުމަށްވެސް އެމްބަސީންދަނީ އިލްތިމާސްކުރަމުންނެވެ.