ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 44 މިލިއަން ޑޮލަރު މިދިޔަ އަހަރު ވިއްކި: އެމްއެމްއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 44 މިލިއަން ޑޮލަރު މިދިޔަ އަހަރު ވިއްކި: އެމްއެމްއޭ

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 44 މިލިއަން ޑޮލަރު މިދިޔަ އަހަރު މިދިޔަ އަހަރުގެތެރޭގައި ވިއްކާފައިވާކަމަށް އެމްއެމްއޭ އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން ކޮންމެ ދަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާގެ ގޮތުގައި 44.5 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރުގެތެރޭގައި ވިއްކާފައިވާކަމަށެވެ.

މީގެއިތުރުން އެމްއެމްއޭއިން ބުނީ ބޭރު ފައިސާ ވިއްކުމުގެ ސިޔާސަތަށް 2017 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޒަރޫރީ ޚިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާގެ ޖުމްލަ އަދަދު ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެމްއެމްއޭއިން ބުނީ މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 319.9 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާ ކަމަށާ މި އަދަދަކީ އެމްއެމްއޭއިން 2017 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކި ބޭރު ފައިސާގެ ޖުމުލަ އަދަދާ އަޅާ ބަލާއިރު 31 އިންސައްތައިގެ އިތުރު އަދަދެއް ކަމަށެވެ.

ތައުލީމް ހާސިލް ކުރުމަށާއި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް 2.13 މިލިއަން އެމެރިކާ ޑޮލަރު މިދިއަ އަހަރުގެ ތެރޭގައި ވަނީ ފޯރުކޮށްދީފައެވެ. އަދި އެހެނިހެން ގޮތްގޮތުންނާއި، ހައްޖާއި އުމްރާގެ އަޅުކަމަށް ދިވެހިން ގެންދާ ގްރޫޕްތަކަށް ވިއްކި ޑޮލަރު ހިމަނައިގެން ބޭރު ފައިސާގެ ގޮތުގައި 6.3 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް ވަނީ ފޯރުކޮށްދީފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އެމްއެމްއޭއިން ފާއިތުވި އަހަރުގެ ތެރޭގައި ވިޔަފާރި ބޭންކުތަކަށް ވެސް ވަނީ ބޭރު ފައިސާ ފޯރުކޮށްދީފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭ ވިޔަފާރި ބޭންކުތަކަށް 230.8 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ އިތުރު އަދަދެއްް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މި ޖުމުލަ އަދަދުގެ ތެރޭގައި، ވިޔަފާރި ބޭންކުތަކުގެ ބޭނުންތަކަށް ގަވާއިދުން ކޮންމެ ހަފުތާއަކު ވިއްކާ އެމެރިކާ ޑޮލަރުގެ ގޮތުގައި ފޯރުކޮށްދިން 169.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

މިއަދު އޮންލައިން