ޔޫ.އޭ.އީ އަކީ މިނިވަން ވިޔަފާރީގައި ނަމޫނާ ޤައުމެކެވެ. އެހެންކަމާއިއެކުވެސް ރަމަޟާން މަސް ކައިރިވުމުން އަދި ރަމަޟާން މަހު ކާބޯތަކެތީގެ އަގު އުފުލައިފިނަމަ އެ މުދަލެއް ސަރުކާރަށް ނެގުމާއިއެކު ބޮޑެތި އަދަދުތަކުން ޖުރުމަނާކުރެއެވެ. އަދި 1 އަހަރު ދުވަހަށް ވިޔަފާރި ކުރުމުގެ ހުއްދަވެސް ބާޠިލުކުރެއެވެ.
ޚާއްޞަކޮށް ދުބާއީގައި މިކަން ވަރަށް ވަރުގަދައަށް ތަންފީޒު ވެސް ކުރެއެވެ. ފިހާރަތަކަށް ފުލުހުން ފާރަލައެވެ. ޚަލީފާ މިދިއަ އަހަރު ވަނީ ވިޔަފާރިވެރިންގެ އަތުން ކުރި ޖުރުމަނާ އާއި ސަރުކާރަށް ނެގި މުދާ ނީލަމުގައި ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ފަޤީރުންނަށް ބައްސަވައިވެސް ފައެވެ.
ދުބާއީގައި ވެސް އަމަލުކުރަނީ ހަމަ މިނިވަން ވިޔަފާރީގެ ނިޒާމަކަށެވެ. ނަމަވެސް ރައްޔިތުންނަށްޓަކައި މިކަންކަން ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން މުދަލުގެ އަގު އުފުލިގެނެއް ނުދެއެވެ. އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރެއެވެ. ވީމާ ޤައުމުގައި މިނިވަން ވިޔަފާރީގެ ނިޒާމެއް އޮތުމަކީ މިފަދަ ކަންކަން ރައްޔިތުންނަށްޓަކައި ކޮށްދިނުމަށް އޮތް ހުރަހެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ދުބާއީއަކީ މެދުއިރުމަތީގެ ވިޔަފާރީގެ މައި ހަބެވެ. އެހެންކަމާއިއެކުވެސް ޙަލީފާގެ އިސް ނެންގެވުމަށް މިއަހަރުވެސް ދުބާއީގެ ބޮޑެތި ކުންފުނިތަކުން ވަނީ މާދަމާއަކީ ރޯދަ މަސް ފޭށޭ ދުވަސްކަމަށްވުމުން އާދީއްތަ ދުވަހުން ފެށިގެން 3 ދުވަސް ބަނަދުވެސް ކޮށްދީފައެވެ. އަދި ބައެއް ކުންފުނިތަކުން ވަނީ ޢާދީއްތަ ދުވަހުގެ ބަދަލުގައި ހުކުރު ދުވަހުގެ ކުރިއަށް އަންނަ ބުރާސްފަތި ދުވަސް އިޚްތިޔާރުކުރުމުގެ ފުރުޞަތުވެސް ދީފައެވެ.