މޮރިޝަސްގައި ބާއްވާ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ސްކޮޑު އެކުލަވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
މޮރިޝަސްގައި ބާއްވާ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ސްކޮޑު އެކުލަވާލައިފި

މޮރިޝަސްގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ސްކޮޑު އެކުލަވާލައިފިއެވެ.

އަންނަ ޖުލައި މަހުގެ 19 އިން 28 އަށް ބާއްވާ މިމުބާރާތަށް އެތުލެޓިކްސް އެސޯސިއޭޝަނުން އެކުލަވާލި ޓީމުގައި 16 އެތުލީޓުންނައި ތިން ކޯޗުން އަދި ދެ މެނޭޖަރަކު ވަނީ ހިމަނާފައެވެ.

ސްކޮޑުގައި ހިމެނޭ ފިރިހެން ސްޕްރިންޓު ދުވުންތެރިންގެ ތެރޭގައި އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދާއި ސަރީސް އަހުމަދާއި އިބްރާހިމް އަފްޝާން އަލީ އާއި ނުޖޫމް ހަސަން އަދި އިބާދުﷲ އާދަމެވެ.

މި ސްކޮޑުގައި ހިމެނޭ މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނެނީ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް ހާރޫނާއި މުހައްމަދު ނާއިލާއި އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދެވެ.

އަންހެން އެތުލީޓުންނަކީ މަރިޔަމް ޢަބްދުލްކަރީމް (މަރީ) އާއި އައިޝަތު ޖާއިޝާ ޖުނީޒް އާއި ޢައިޝަތު ހިމްނާ ހަސަން އާއި ސާރާ މަސްއޫދު އާއި ނަޝާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސެއިންނެވެ.

މި ޓީމުގެ ކޯޗިންގ ސްކޯޑުގައި މިޑްލް އެންޑް ލޯންގް ޑިސްޓެންސް ކޯޗު އިންޑިއާގެ ޝިވަނަންޑާ އަލަގަވަޑީ އާއި ސްޕްރިންޓް ކޯޗު އަހުމަދު ފާއިލް އަދި ޢަބްދުﷲ އިބްރާހިމް (އަބުޅޯ) ހިމަނާފައިވާ އިރު، ޓީމުގެ މެނޭޖަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އާމިރާއި ފާތިމަތު ޔަސްމާން އެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ސްވިމިންގ، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސަރފިންގ ގައެވެ.

1979 ވަނަ އަހަރު ބާއްވަން ފެށި މި ގޭމްސްގައި މި އަހަރު ވާދަކުރާ ޤައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްއާއި ސީޝެލްސްއާއި ރިޔޫނިއަންއާއި މެޔޯޓްއާއި މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭން 15 މެޑަލް ހޯދުމަށް ވަނީ އަމާޒުހިފާފައެވެ. އަދި އެންމެ ފަހުގެ އައިއޯއައިޖީގައި 8 މެޑަލް ވަނީ ހޯދާފައެވެ.

މިއަދު އޮންލައިން