އައިއޯއައިޖީގައި އަމާޒަކީ ފަސް މެޑެލް ހޯދުން، އެ އުއްމީދު ވަނީ އިތުރަށް އާވެފަ: ތޮލާލް

ކިޔުމަށް ހޭދަވާނީ 1މ 3ސ
އައިއޯއައިޖީގައި އަމާޒަކީ ފަސް މެޑެލް ހޯދުން، އެ އުއްމީދު ވަނީ އިތުރަށް އާވެފަ: ތޮލާލް

މޮރިޝަސްގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަމާޒަކީ 5 މެޑެލް ހޯދުން ކަމަށާއި އެ އުއްމީދު މިހާރުވަނީ އާ ވެފައިކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފަސް މެޑަލް އެތުލެޓިކްސްއިން ރާއްޖެއަށް ގެނެސްދޭނެ ކަމަށެވެ. އަދި އަމާޒަށް ވާސިލްވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަކްލޫފްގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އޭނާ ވަނީ މިނިސްޓަރަށް ވަރަށްބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

ތޮލާލް އިތުރަށް ވިދާޅުވީ އައިއޯ އައިޖީއަށްދާ ސްކޮޑުގައި ހިމެނޭ ފިރިހެން ސްޕްރިންޓު ދުވުންތެރިންގެ ޓީމު ތަމްރީންދަތުރެއްގައި މާދަމާ މެލޭޝިއާ އަށް ފުރާނެކަމަށެވެ. އަދި ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނޭ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް އަދި މުހައްމަދު ނާއިލް ތަމްރީން ހެދުމަށް އިންޑިއާގެ ބެންގަލޫރަށް އިއްޔެ ފުރާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝިފާޒް މިވަގުތު ކެންޔާގައި ތަމްރީން ހަދަމުން އަންނައިރު، ޝަރަފް އަންނަނީ މޮރޮކޯގައި ތަމްރީންތައް ހަދަމުން ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ 

މިއަދު އޮންލައިން