ޓީމް ބޮއި އިން އުރީދޫ މަސްރޭސް ކާމިޔާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޓީމް ބޮއި އިން އުރީދޫ މަސްރޭސް ކާމިޔާބުކޮށްފި

- އެއްވަނަ ޓީމަށް ލިބުނު 50،000 ރުފިޔާގެ ފައިސާގެ އިނާމު ކުޑަކުދިންގެ ހިޔާއަށް

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން، ޓީމް ބޮއި ބައި މިލައިދޫ އިން ކާމިޔާބު ކޮށްފިއެވެ. ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރާއި ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ މޮޅު މަސްވެރިން ވަނީ ހޮވައިފިއެވެ. 

މީގެތެރޭގައި:

އުރީދޫ މަސްރޭސް 2019ގެ ޗެމްޕިއަން ޓީމް: ޓީމް ބޮއި ބައި މިލައިދޫ

އިނާމު: 50000 (ފަންސާސް ހާސް) ރުފިޔާ

 

އެންމެ ބަރުމަސް ބޭނި ކެޔޮޅު: 7.2 ކިލޯގެ ކަޅުއޮށްފާނައެއް ބާނައިގެން، ޓީމް ވެލައްސަރުގެ އަމީން.

އިނާމު: 5000 (ފަސް ހާސް) ރުފިޔާ

 

މުބާރާތުގެ ފިރިހެން މަސްވެރިޔާ: 24 މަސް ބާނައިގެން ޓީމް ޑީއެސްސީ (ދިވެހި ސިފައިންގެ ކްލަބް) އިން ޝިޔާޒް

އިނާމު: 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި

 

މުބާރާތުގެ އަންހެން މަސްވެރިޔާ: 11 މަސް ބާނައިގެން ސްޓްލްކޯ ވިމަންސް ޓީމުން އަމީނާ

އިނާމު: 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި ހިމެނެއެވެ.

 

މޮޅުވި ޓީމް ބޮއި އަށް 539.65 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ ސްޓެލްކޯ މެންސް ޓީމަށް ލިބިފައިވަނީ 205.85 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދާފައިވާ ސްޓެލްކޯ ވިމަންސް ޓީމަށް ލިބިފައިވަނީ 95.25 ޕޮއިންޓެވެ.

ފިތުރު އީދު ފާހަގަކޮށް، މިރޭ ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު؛ ވީޓީވީގެ ސީއީއޯ މުހައްމަދު އާސިފް އަދި އުރީދޫ މޯލްޑިވްސްގެ އެކްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

"ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ވެގެން ދިޔައީ ވަރަށްވެސް ކާމިޔާބު މުބާރާތަކަށް. މި މުބާރާތުގެ ފޯރި އިތުރުކޮށްދެއްވި، މަސްރޭހުގެ އެންމެހާ ބައިވެރިންނާއި ސަޕޯޓަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ހަމައެހެންމެ، އުރީދޫ މަސްރޭސް 2019 ގެ ޗެމްޕިއަން ޓީމް ކަމަށްވާ ޓީމް ބޮއި އަށް، އަދި އިތުރު ވަނަތައް ކާމިޔާބު ކުރެއްވި އެންމެހާ މަސްވެރިންނަށް މަރުޙަބާ ކިއަން." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ. މިގޮތުން، މަސްރޭހުގެ ދިހަ ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއްވެސް މިފަހަރު ވަނީ ބާއްވައިފައެވެ.

 

މިއަދު އޮންލައިން