ޓްރެވެލް ޓްރޭޑް މޯލްޑިވްސް ގެ ޓައިޓަލް ސްޕޮންސަރ އަކަށް އުރީދޫ މޯލްޑިވްސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޓްރެވެލް ޓްރޭޑް މޯލްޑިވްސް ގެ ޓައިޓަލް ސްޕޮންސަރ އަކަށް އުރީދޫ މޯލްޑިވްސް!

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2019 ގެ ޓައިޓަލް ސްޕޮންސަރ ގޮތުގައި އުރިދޫ މޯލްޑިވްސް އިން، އޯކާ މީޑިއާ ގްރޫޕާއި ޕާޓްނަރކޮށްފިއެވެ. 

ޓީޓީއެމް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަޤްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާއިއެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ. 

ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެތައް  ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ކޮންމެހެންވެސް ބައިވެރިވުން މުހިއްމު ބީ.ޓު.ބީ އިވެންޓެކެވެ. ހަމައެހެންމެ، ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބޭއްވިގެންދާ މިއަހަރުގެ ޓީޓީއެމް ސަމިޓު އަލިއަޅުވާލާދޭނީ ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިންގ، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށެވެ. 

އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ، އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ޓީޓއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން ކަމަށްވާއިރު ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އެހެންކަމުން އޯކާ މީޑިއާ ގްރޫޕާއިއެކު ޕާޓްނާކޮށް، ޓީޓީއެމްއަށް އުރީދޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ، އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

"ޤައުމުގެ އިޤްތިޞާދީ އަމާޒުތަކާއި، ފުއްދުންތެރިކަން އިތުރު ކުރުމުގައި އުރީދޫ އަކީ އަބަދުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް. އަދި އަޅުގަނޑުމެންނެކޭ އެއްފަދައިން، 2025 ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުުމަށް ޓުއަރިޒަމްގެ  ޞިނާޢަތަށް އެކިގޮތްގޮތުން އެއްބާރުލުންދެމުންދާ ކުންފުންޏެއް. މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށްގެންދިއުމުގައި ބައިވެރިވުމަކީ، މި އަމާޒާއި ހަމައަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިއްމު އެހީތެރިކަމެއް." އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިއެވެ. 

މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ފެއާގައި، 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ޓީޓީއެމް އާއި ބެހޭ އިތުރު މައުލޫމާތު https://www.traveltrademaldives.com/ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މިއަދު އޮންލައިން