ރިވެތި ބަހުރުވައިން އޯގާތެރިކަމާއިއެކު ވާހަކަ ދެއްކުމަކީ ﷲ ތައާލާ އާއި ކުއްތަންވުމަށް އޮތް ފަސޭހަ މަގެކެވެ. އެހެނީ ރިވެތި ބަހުރުވައިން އޯގާތެރިކަމާއިއެކު ވާހަކަ ދެއްކުމަކީ ﷲ ތަޢާލާ ނުހަނު ބޮޑަށް ލޯބިކުރައްވަވާ ކަމެކެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭ ވަރަކަށް އެމީހަކު ދާނީ ﷲ ތަޢާލާ އާއި ކުއްތަންވަމުންނެވެ.
ރޯދައަށް ތިބޭއިރު ބައެއް މީހުން ރުޅިގަދަވެ ހަޑިހުތުރު ބަހުރުވައިން ވާހަކަ ދައްކައެވެ. އަޑުވެސް ގަދަކުރެއެވެ. ނަމަވެސް ގިނަ ބައަކު ރޯދައިގެ މާތްކަމާއި މަތިވެރިކަމަށް ވިސްނައި ބަސް މަދުކުރެއެވެ. ބަސްމަގު ރިވެތިކުރެއެވެ. އަޑުވެސް މަޑުކުރެއެވެ. ނަމަވެސް ހިތާމައަކީ މީގެ ތެރެއިންވެސް ބައެއް މީހުން ރަމަޟާން މަސް ނިމުމުން ރަމަޟާން މަހު އަމަލުކުރި ގޮތް ހަނދާން ނައްތައިލާތީއެވެ. ބަސްމަގު ހުތުރުކޮށް އަޑުގަދަކުރާތީއެވެ.
މީސްތަކުންނާއި މުޚާޠަބްކުރާއިރު ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކުރުމާއި އަޑުގަދަކުރުމަކީ މުސްލިމުން އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. އެއީ ޝައިޠާނާގެ ބައިވެރިންގެ ސިފައެކެވެ. ވީމާ ޢާއިލީ ދިރިއުޅުމުގައިވެސް އަދި ޢާންމުކޮށް ވާހަކަ ދައްކައި އުޅުމުގައިވެސް މިބުނި ކަންކަމަށް ސަމާލުކަން ދޭށެވެ.
އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީޙުންނަކީ އަހަރެމެން އެބައަކު ދެކެ އެންމެ ލޯބިވާ މީހުންނެވެ. އެންމެ ހެޔޮ އެދޭ މީހުންނެވެ. އެންމެ ޤަދަރުކުރާ މީހުންނެވެ. ވީއިރު އެމީހުންގެ ޤަދަރާއި ކަރާމާތް ނަގަހއްޓަން ޖެހޭނެ ބައަކީ ހަމަ އަހަރެމެން ނޫނެ ހެއްޔެވެ؟
ތިމާއަށް، ތިމާގެ މައިންބަފައިންނަށް، ތިމާގެ އަނބިދަރިންނަށް، ތިމާގެ ޢާއިލާގެ މީހަކަށް އެހެން މީހަކު ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކުރުމުން ތިމާ އިންތިހާއަށް ރުޅި އާދެއެވެ. އެހެންކަމަށްވާއިރު ހަމަ އެމީހުންނަށް ތިބާ ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކޮށް އަޑުގަދަކުރީމާ އެމީހުން ތިބާދެކެ ވާނީ ލޯބި ހެއްޔެވެ؟ ވިސްނައިލާށެވެ!
ފަށަމުން ބުނިފަދައިން އަހަރެމެންނަށް އެންމެ މުހިންމީ ﷲ ތައާލާ އާއި ވީހައި ބޮޑަށް ކުއްތަންވުމެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. ވީމާ ރަމަޟާން މަހަށް ފަހުގައިވެސް ރަމަޟާން މަހު ކުރި ރިވެތި އަޚްލާޤް ދަމަހައްޓައި އެކަމުގެ ފައިދާ ލިބިގަންނަމުންދާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން