ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު މެޗުގެ ފުރަތަމަ ލެގު އެއްވަރު

ކިޔުމަށް ހޭދަވާނީ 1މ 5ސ
ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު މެޗުގެ ފުރަތަމަ ލެގު އެއްވަރު

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު މެޗުގެ ފުރަތަމަ ލެގު އެއްވަރުވެގެން ނިމިއްޖެއެވެ.

 

ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގުގައިބައްދަލުކުރީ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އެވެ. އެޓީމަށް ފުރުޞަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށިން އެ ފުރުޞަތު ދޫކޮށްލުމުންނެވެ.

 

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޗެރިޓީ ޝީލްޑް ކުޅެނީ ދެ ލެގަށެވެ. އެގޮތުން މާލޭން ބޭރުގައި އެއްމެޗު ކުޅޭ ގޮތަށް ރޭވިއިރު، ފުރަތަމަ ލެގުގެ މެޗު ފޯކައިދޫގައި ކުޅުނު އިރު، މިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

 

މިމެޗުގައި ފުރަތަމަ ގޯލްޖަހާ ޓީސީއަށް ލީޑު ނަގައިދިނީ މި ސީޒަނަށް އަލަށް އެޓީމާ ގުޅުނު މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އެވެ. އެހެންނަމަވެސް މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ފޯކައިދޫއަށް ލިބުނު ޕެނަލްޓީއެއް ހުސެއިން ފަޒީލް ވަނީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

 

ޗެރިޓީ ޝީލްޑްގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.

 

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ރާއްޖޭގެ ކޮންމެވެސް ޖަމިއްޔާއަކަށް ހަދިޔާ ކުރެއެވެ. 

މިއަދު އޮންލައިން