ކުޑަކުޑަ ސީސީޓީވީ ކެމެރާ ދެކެ ގަންނަ ބިރު ﷲ އަށް ނުގަނެ ނަރަކައިން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ކުޑަކުޑަ ސީސީޓީވީ ކެމެރާ ދެކެ ގަންނަ ބިރު ﷲ އަށް ނުގަނެ ނަރަކައިން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

ކުށެއް ކުރަން އުޅޭނަމަ މިހާރު ކޮންމެ މީހަކުވެސް ފުރަތަމަ ވިސްނާނީ ތިމާގެ އަމަލުތައް ރެކޯޑް ކުރާނެ ސީސީޓީވީ ކެމެރާއެއް އެ ސަރަހައްދުގައި އެބަހުރިތޯއެވެ؟ ބާރު ސްޕީޑްގައި ދުއްވާ މީހުންވެސް ކެމެރާ ކުރެވޭ ސަރަހައްދުތަކުގައި ދުއްވާނީ މަޑުންނެވެ. ހުއްދަ އޮންނަ ސްޕީޑްގައެވެ. 

ޙަޤީޤަތުގައި ސީސީޓީވީ ކެމެރާއަކީ މުށުތެރެއަށްލެވޭވަރުގެ ކުޑަކުޑަ އެއްޗެކެވެ. އަމިއްލަ ޒާތުގައި އެއްވެސް ބާރެއްވެސް ހުރި އެއްޗެއްވެސް ނޫނެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރެވޭނެ އެއްޗެއްވެސް ނޫނެވެ. ނަމަވެސް މިވަރުގެ ބޮޑު ބިރެއް ސީސީޓީވީ ކެމެރާތައް ދެކެ މިގަންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބެކެވެ. އެ ކެމެރާއަށް ތިބާ ކުރާ އަމަލު ރެކޯޑް ކުރެވޭތީއެވެ. ރެކޯޑިންގއަށް ބަލައި ތިބާއަށް އަދަބު ލިބޭނެތީއެވެ. ޖަލަށް ދާން ޖެހިދާނެތީއެވެ. ޖުރުމަނާކޮށްފާނެތީއެވެ. 

މިސާލަކަށް ރޭގަނޑު 3 ޖެހިވަގުތެވެ. ހަމަ އެންމެ މީހަކުވެސް މަގުމަތީގައި ނެތެވެ. ސީސީޓީވީ ކެމެރާ އެބަހުރީތީ ރަތްބޮކި ދިއްލިފައިވަނިކޮށް މަޑުނުކޮށް ދުއްވާފައި ދާނަން ހެއްޔެވެ؟ 

ބައެއް މީހުން ވައްކަންކޮށް މީހުން މެރުން ފަދަ ކަންކަން ކުރަންވުމުން ސީސީޓީވީ ކެމެރާއަށް ގެއްލުންދީ ހަލާކުކޮށްލައެވެ. ނަމަވެސް ތިބާ ފާފައެއް ކުރަންވުމުން ﷲ ތައާލާ ބައްލަވައި ވޮޑިގަތުން ހުއްޓުވޭނެ ހެއްޔެވެ؟ ތިބާ ކުރާ އަމަލުތައް މަލާއިކަތުން ލިޔުއްވެވުން ހުއްތުވޭނެ ހެއްޔެވެ؟ ނުހުއްޓުވޭނެއެވެ. ވީމާ 24 ގަޑިއިރު ތިބާއަށް ބައްލަވައި ވޮޑިގެންވާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ.

ސީސީޓިވީ ކެމެރާއަށް ރެކޯޑް ކުރެވޭނީ ކެމެރާއަށް ފެންނަ ހިސާބު އެކަންޏެވެ. ނަމަވެސް ﷲ ތާޢާލާ ތިބާ ކޮންމެ ތަނެއްގައި ހުރެ ކޮންމެ އަމަލެއް ކުރި ނަމަވެސް ވަގުތުން ބައްލަވައި ވޮޑިގެންވެއެވެ. ދެކެ ދެނެވޮޑިގެންވެއެވެ. ތިބާގެ ކޮނޑުގައިވާ މަލާއިކަތުން ތިބާގެ އަމަލުތައް ވަގުތުން ލިޔުއްވަވަތެވެ. ތިބާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތަކުގެ ފަތް ތިބާގެ އަތަށް ޤިޔާމަތް ދުވަހު ދެއްވަވާނީ ތިބާ ކުޅަ ހަމަ އެންމެ އަމަލެއް ވެސް އުނިކުރެއްވުމެއް ނެތިއެވެ. 

ނިކަން ބުނެ ބަލާށެވެ! ބިރުގަންނަންވީ ޖަލު ދެކެ ހެއްޔެވެ؟ ޖުރުމަނާ ކޮށްފާނެތީ ހެއްޔެވެ؟ ނޫނީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ހެއްޔެވެ؟ 

ޖަލުގައި ތިބާއަށް ދިރިއުޅެވޭނެއެވެ. ކާން ބޯން ލިބޭނެއެވެ. އަނބި ދަރިންނާއިވެސް ބައްދަލުކުރެވޭނެއެވެ. އެހެނިހެން ބޭނުންތައްވެސް ފުއްދޭނެއެވެ. ނަމަވެސް ނަރައިކައިގައި އޮންނަން ޖެހޭނީ ދުނިޔޭގެ އަލިފާނަށްވުރެ 69 ދަރަޖަ އިތުރަށް ހޫނުގަދަ އަލިފާނުގައި އަނދައަނދައެވެ. ކަސްތޮޅު އެޅުވި އަނގަވަތަށް ބަނަޑުންނެވެ. ކާން ލިބޭނީ ގޮހޮރުތައް ފޫއަޅުވާލާފައި ފައިބަމުންދާ ޒައްޤޫމެވެ. ބުއިމަކަށް ލިބޭނީ ނަރަކައިގެ އަހުލުވެރިންގެ ގައިގެ މަސްތަކާއި ހަންތައް ވިރި ގިރިގެން ފައިވާ ފާދިޔައާއި ދޮސްތަކެވެ. 

ދެންވެސް ނިކަން ބުނެބަލާށެވެ! ބިރުގަންނަންވީ ސީސީޓީވީ ކެމެރާއަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ހެއްޔެވެ؟ ބުއްދީގެ އހުލުވެރިންނޭވެ! ވިސްނައި ފިކުރުކުރާށެވެ! ނަރަކައިން ސަލާމަތްވުމަކީ އެމީހެއްގެ އަތތްމަތީގައި އޮތްކަމެކެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން