ސުވަރުގެ ލިބޭނީ ހަމައެކަނި ފާފަ ނުކުރެވޭ މީހުންނަކަށް ނޫނެވެ! ސުވަރުގެ ލީބޭ މީހުންގެ ތެރެއިންވާށެވެ!: ޝައިޚް ޢަބްދުލްބާރީ ޔަޙްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ސުވަރުގެ ލިބޭނީ ހަމައެކަނި ފާފަ ނުކުރެވޭ މީހުންނަކަށް ނޫނެވެ! ސުވަރުގެ ލީބޭ މީހުންގެ ތެރެއިންވާށެވެ!: ޝައިޚް ޢަބްދުލްބާރީ ޔަޙްޔާ

ސުވަރުގޭގަ ތިބެނީ ހަމައެކަނި އެއްވެސް ފާފައެއް ނުކުރާ މީހުންނެއް ނޫނެވެ. މާނައަކީ ފާފަކުރެވުނު މީހުން ވެސް ސުވަރުގެ ވައްދަވާނެތެވެ. އެއީ ޔަޤީން ކަމެކެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ ސުވަރުގެ ވައްދަވާނީ ހަމައެކަނި އެއްވެސް ފާފައެއް ނުކުރާ މީހުން ކަމަށެވެ. 

ސުވަރުގެ ވަންނަން އެދޭނަމަ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އެމީހާގެ ހިސާބު ބެއްލެވުމުގެ ކުރިން އަމިއްލައަށް ހިސާބު ބަލައި އިޞްލާޙްވުމެވެ. އެކަން ކުރެވޭނީ ހަމަ ކޮންމެ ދުވަހަކު އެމީހާގެ ހިސާބުތައް ބަލައިގެންނެވެ. ކޮންމެ ދުވަހަކު ހިސާބު ބަލައި އަނެއް ދުވަހު ކުރަންވީ ކަންކަން ޕްލޭންކުރަންޖެހޭ ސަބަބު މިބުނަނީއެވެ. 

ސަރުކާރުތަކާއި ކުންފުނިތައް ހިންގަން އަހަރު ދުވަހަށް ޕްލޭންތައް ރާވައެވެ. އެ މުއްދަތުގައި ވެރިމީހާ މަރުވި ނަމަވެސް ދެން ތިބޭ ވެރިން ކުރިން ރާވާފައި އޮތް ޕްލޭން ތަންފީޒުކުރާނެއެވެ. އެހެންވީމާ ސަރުކާރާއި ކުންފުނިތައް ދާނީ ބަރާބަރަށް ހިނގަމުންނެވެ. ފައިދާވެސް ވަމުންނެވެ. ނަމަވެސް ތިމާ މިއަދު މަރުވި ނަމަވެސް ތިމާގެ ޕްލޭން ތަންފީޒުކޮށްދޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. މޮޅު ރޭވުންތައް ރާވާފައި އަމަލު ނުކުރެވި ހުއްޓައި މަރުވެއްޖެ ނަމަ އެހިސާބުން އެމީހާ ބަނގުރޫޓުވީއެވެ. 

ވީމާ ޤިޔާމަތް ދުވަހުގައި ތިމާއަކީ ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމަށްޓަކައި ކޮންމެ މީހަކީވެސް ދުވަހުން ދުވަހަށް ހެޔޮ އަމަލުކުރުން ތަންފީޒުކުރާ މީހަކަށްވާން އެބަޖެހެއެވެ. މިއަދު ކުރެވުނު ހެޔޮ އަމަލުތަކަށްވުރެ ގިނަ ހެޔޮ އަމަލު މާދަން ކުރަން ރާވައި އެކަން ތަންފީޒުކުރަން އެބަޖެހެއެވެ. ފަހުން ދަމުނަމާދުކުރަން ފަށަން، ފަހުން ޢުމުރާއަށް ދާން، ފަހުން ޙައްޖުވާން މަޑުކޮށްގެން ހުންނަ މީހާއަށް ގިނަ ފަހަރު އޮންނާނީ ކުރަން ރޭވި އެއްވެސް ކަމެއް ނުކުރެވި އުޅެނިކޮށް މަރާއި ކުރިމަތިލާން ޖެހިފައެވެ. 

ހަމަ އެކަނި މިއަހަރު އެވެ. އުމުރުން 40 އަހަރުވުމުން ދަމުނަމާދުކުރަން ފަށަން ނިންމައިގެން ހުރި ޒުވާނަކު 28 އަހަރުގައި މަރުވެއްޖެއެވެ. ރަމަޟާން މަސް އައުމުން ޢުމުރާއަށް ދާން މަޑުކޮށްގެން ހުރި މީހަކު ރަޖަބް މަހު ވަނީ މަރުވެފައެވެ. އިމާރާތްކުރާ ގޭގެ މަސައްކަތްތައް ނިންމައިލުމަށްފަހު ޙައްޖުވާން ހުރި މީހަކު ވަނީ ގޭގެ ފައުންޑޭޝަން އެޅިތަނާ މަރުވެފައެވެ. މިއީ އަހަރެންނަށް އެނގޭ ކަންކަމެވެ. ތިއަބައިމީހުންގެ އެކުވެރިންގެ ކަންކަން ބަލައިލުމުންވެސް މިފަދަ ކިތަންމެ ކަންކަން ފާހަގަކުރެވޭނެއެވެ. 

ކޮންމެ އިންސާނަކީވެސް ފާފަކުރެވޭނެ މީހެކެވެ. އޮތީ ތައުބާވުމެވެ. ކުޅަދާނަކަން ހުރި މިންވަރަކުން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމެވެ. ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދިއުމެވެ. އެއްދުވަހަށްވުރެ އަނެއް ދުވަހު އިތުރަށް ހެޔޮ އަމަލުކުރަން މަސައްކަތްކުރުމެވެ. އެދުވަހު ކުރެވެން އޮންނަ އެއްވެސް ކަމެއް މާދަމާއަށް ފަސް ނުކުރުމެވެ. ސުވަރުގެ އެދޭނަމަ ދަމުނަމާދުކުރަން ފަށަންވީ މާދަމާ ރެއަކުވެސް ނޫނެވެ. ހަމަ މިރެއެވެ. އަތުގައި ފައިސާހުރިނަމަ ފުރަތަމަ ކަމަކަށް ހަދަން ޖެހޭނީ ޙައްޖާއި އުމުރާވުމެވެ. ދެން ލިބޭ ފައިސާއިން ގެއަޅަން މަސައްކަތްކުރުމެވެ. 

މިބުނި ގޮތަށް އަމަލުކޮށްފިނަމަ ތިބާއަކީވެސް ފާފަކުރެވިފައިވީނަމަވެސް ސުވަރުގެ ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ތައުބާވުން އަވަސްކުރާށެވެ. ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! 

ތަކްލީފް އުފުލަންޖެހޭ ވަގުތުތަކުގަ އާއި އުފާވެރިކަން ލިބިގެން ހުންނަ ވަގުތުތަކުގައިވެސް ހެޔޮ އަމަލުތައް ކުރުނަމްތީގައި ސާބިތުވެ ދެމިހުންނާށެވެ. ޙަޤީޤީ ކާމިޔާބުވެރިންނަކީ އެއީ އެވެ. ސުވަރުގެ ދެއްވަވާނެ މީހުންނަކީވެސް އެއީއެވެ.

 

- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން

މިއަދު އޮންލައިން