މިއަހަރުގެ ފުރަތަމަ ތިންމަސް ނިމުނު އިރު ދައުލަތުގެ ދަރަނި 49.6 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.
އެމްއެމްއޭ އިން ނެރުނު ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ދަރަންޏަށް 1.6 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ ދަރަނި 20.3 ބިލިއަން ރުފިޔާއިން 20.8 ބިލިއަން ރުފިޔާއަށް އިތުރުވުވެފައިވާއިރު މިއީ ގާތްގަނޑަކަށް 558 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ބޭރުގެ ދަރަނި އިތުރުވި މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ބުނެފައިވަނީ މުދާ ގަތުމަށް ބޭރުން ނެގި ލޯނުތަކުގެ އަދަދު އިތުރުވުމުން ކަމަށެވެ.
އެތެރޭގެ ދަރަނި 27.7 ބިލިއަން ރުފިޔާ އިން 28.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވަނީ ދައުލަތުން ވިއްކި ސެކިއުރިޓީޒްގެ އަދަދު އިތުރުވެފައި ވާތީ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.