ޝައިޠާނާގެ ބައިވެރިއެއް ކަމަށް އިޝްތިހާރުކުރަމުން ﷲ ގެ ރަޙްމަތަށް އެދުން ދެކޮޅު ޖެހޭ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޝައިޠާނާގެ ބައިވެރިއެއް ކަމަށް އިޝްތިހާރުކުރަމުން ﷲ ގެ ރަޙްމަތަށް އެދުން ދެކޮޅު ޖެހޭ ކަމެއްތަ؟

"ޝައިޠާނާ ޖަހާ ގޮށްތައް ނުފެންނާނީ އަހަރެމެން އިންސާނުންނަށެވެ. މަލާއިކަތުންނަށާއި ޝައިޠާނުންނަށް ހާމައަށް ފެންނާނެއެވެ. ނިކަން ބުނެބަލާށެވެ! ޝައިޠާނާ ގޮށްތައް ޖެހުމުން މޮހެލެވެން އޮއްވައި ވެސް މޮހެނުލައި ޝައިޠާނާގެ ބައިވެރިއަކަށްވެ އެގޮށްތަށް ދައްކަމުން ހިނގަމުން، ﷲ ތައާލާގެ ރަޙްމަތްފުޅަށް އެދުމުން މިކުރެވެނީ ކީއްހެއްޔެވެ؟ ދިރިއުޅެން ކުރާ މަސައްކަތުގައި ނުވަތަ ކުރަން ބޭނުންވާ އެނޫންވެސް މަސައްކަތްތަކުގައި ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރުމުން މިކުރެވެނީ ކީއްހެއްޔެވެ؟" 

މިކަމާއި ގުޅިގެން ޝައިޚް މުޙައްމަދު މޫސާ ވިދާޅުވެފައިވެއެވެ.:

ކޮންމެ މީހަކު ވެސް ނިދަން އޮށޯތުމުން ޝައިޠާނާ އައިސް އޭނާގެ ފުށްކިބައިގައި 3 ގޮށް ޖަހައެވެ. ފުރަތަމަ ގޮށް މޮހިގެންދާނީ ޝައިޠާނާގެ ބަހަށް ނުހެއްލި ނިދީން ހޭލުމުންނެވެ. ދެވަނަ ގޮށް މޮހިގެންދާނީ ވުޟޫކުރުމުންނެވެ. ތިން ވަނަ ގޮށް މޮހިގެންދާނީ ފަޠިސް ނަމާދުކުރުމުންނެވެ. 

ވީމާ ފަތިހު ތެދުވެ ފަތިސް ނަމާދު ނުކުރާ މީހާ އެދުވަހު ހަތަރުދަމު އެއުޅެނީ ޝައިޠާނާ އެ ރޭ ޖެހި 3 ގޮށް ބޮލުގައި ބަހައްޓައިގެންނެވެ. އެފަދަ މީހުން ކުރާ މަސައްކަތުގައި ލައްވަވާނީ ކޮން ބަރަކާތެއް ހެއްޔެވެ؟ 

ފަތިސް ނަމާދާއި ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެވިދާނެއެވެ. އެހެނީ ޙަދީޘްފުޅުގައި އައިސްފައިވަނީ ފަތިސް ނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި އެ ރޭ ހަތަރުދަމު ރޭ އަޅުކަންކުރި ފަދަ ކަމަށެވެ. ހަމަ އެއާއެކު ކަނޑައެޅިގެން މުނާފިޤަކު މެނުވީ ޢިޝާ ނަމާދާ ފަތިސް ނަމާދަށް ފަރުވާކުޑަ ނުކުރާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. "އެދެ ނަމާދުގެ މަތިވެރިކަން، ލިބޭނެ ސަވާބު އެނގޭނެ ނަމަ (ނުހިނގޭ މީހުން) ފިރުކިފައި ނަމަވެސް އެ ދެ ނަމާދަށް އަންނާނެ ކަމަށްވެސް ޙަދީޘްފުޅުގައި އައިސްފައިވޭ." 

ފަތިސް ނަމާދަށް ފަރުވާ ކުޑަކުރާ މީހާ އެހެން ހުރިހާ ނަމާދަކަށްވެސް ފަރުވާ ކުޑަކުރާނެއެވެ. ނަމަވެސް ފަތިސް ނަމާދަށް ފަރުވާތެރިވާ މީހާ އެހެން ހުރިހާ ނަމާދުތަކަށްވެސް ފަރުވާތެރިވާނެއެވެ. ވިސްނަވާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ފަތިހުގެ އަރާމު ނިދި ނަގާލާފައި ތެދުވާ މީހާ، ހޭލައި ހުއްޓައި އަންނަ ނަމާދު ވަގުތުތަށް ދޫކޮށޭއް ނުލާނެއެވެ. 

- ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

މިއަދު އޮންލައިން