ސާޓެކް ސްޓިއަރިން ކޮމިޓީގެ ތިންވަނަ ބައްދަލުވުން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސާޓެކް ސްޓިއަރިން ކޮމިޓީގެ ތިންވަނަ ބައްދަލުވުން ފަށައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ޚާއްސަކޮށްގެން އައިއެމްއެފް އިން ގާއިމުކޮށްފައިވާ، ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރ (ސާޓެކް) ގެ ތިންވަނަ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފިއެވެ. 

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސާޓެކްގެ ސަބަބުން މުޅި ސައުތުއޭޝިއާ އަށް ވަރަށް ބޮޑަށް ފައިދާ ކުރާކަމަށެވެ. އަދި ދެކުނު އޭޝިއާ އަށް ދިމާވާވެފައިވާ މާލީ ގޮންޖެހުންތައް ހައްލުކުރުން އަވަސްކުރުމަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ސާޓެކުން މުހިއްމު ދައުރެއް އަދާކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ވަކިން ޚާއްސަކޮށް އިގްތިސާދީ އަދި މާލީ ދާއިރާއިން އެކި އެކި ޓްރެއިނިންތަކުގެ ފުރުސަތު ރާއްޖެ އަށް ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާޓެކްގެ ފަރާތުން ފާއިތުވި ދެއަހަރު ތެރޭ އެމްއެމްއޭ އަށް ޓްރެއިނިންގް ފުރުސަތުތަކާއި ފަންނީ އެހީތެރިކަން ލިބިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލުމުގަ  އާއި ތަންފީޒުކުރުމުގައި ފަންނީ އެހީތެރިކަން ލިބިފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި އެމްއެމްއޭގެ އިތުރުން އެހެން އިދާރާތަކަށްވެސް ސާޓެކްގެ ފަރާތުން ޓްރެއިނިންތައް ލިބިފައިވާ ކަމަށާއި މުސްތަގުބަލުގައި ޓްރެއިނިން ފުރުސަތުތައް އިތުރުކުރުމަށާއި އެކި ދާއިރާތަކަށް ބޭނުންވާ ޓްރެއިނިންތައް ވިލަރެސްކުރުމުގައި އެމްއެމްއޭއިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި މި ބާއްވާ ބައްދަލުވުމުގެ ސަބަބުން ސާޓެކްގެ ހިންގުން މިހާރަށްވުރެ އުފެންދުންތެރި އަދި ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގަވރުނަރު ވިދާޅުވިއެވެ.

ޕެރައިޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ބައްދަލުވުމުގައި އައިއެމްއެފް އަދި ސާކުގެ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. 

ޚަބަރު: އެމްއެމްއޭ 

 

 

މިއަދު އޮންލައިން