ޔޯލަ ވާހަކަތަކަށް ފުރުޞަތު ނުދިނުމަކީ ދެމަފިރިންގެ މައްސަލަތައް މަދުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޔޯލަ ވާހަކަތަކަށް ފުރުޞަތު ނުދިނުމަކީ ދެމަފިރިންގެ މައްސަލަތައް މަދުވާ ކަމެއް!

ޔޯލަކޮށްލައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ހުރިހާ ކަންކަމުގެ ހަލާކުކަމުގައި އޮންނަނީ ވެފައެވެ. ރަނގަޅަށް ބަލައިފިނަމަ ގިނަ ޢާއިލާތައް ރޫޅެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ ވެސް ޔޯލަ ވާހަކަތަކެވެ. ހަމަ އެފަދައިން ޢާއިލީ ގުޅުންތައް ކެނޑިގެން ދިއުމުގައިވެސް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޔޯލަ ވާހަކަތަކެވެ. 

ޔޯލަ ވާހަކަތަކަކީ މިހައި ބިރުވެރި އަދި ނުރައްކައުތެރި ވާހަކަތަކެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އެކަމުގައި ކުރިމަތިވާ އެންމެ ހެއްވާ އަދި އަޖައިބުވާން ޖެހޭ ކަންތައް ބުނަން ހެއްޔެވެ؟ އެމީހަކާއިމެދު އެހެން މީހަކު ނުވަތަ ބައަކު ޔޯލަ ކޮށްގެން ވާހަކަ ދެއްކުމުން ކޮންމެ މީހަކުވެސް ރުޅިއައުދެއެވެ. ނަމަވެސް އެހެން މީހުންނާއިމެދު ދެކެވޭ ޔޯލަވާހަކަތައް އަޑުއަހައެވެ. އަދި އެމީހަކު އަމިއްލައަށްވެސް އެހެން މީހުންގެ ޔޯލަ ވާހަކަތައް ދައްކައެވެ. ވީމާ މިއީ ދެކޮޅު ޖެހޭ ގޮތަކަށް ހިނގަމުންދާ ކަމެއް ނޫނެވެ. 

ޔޯލަ ވާހަކަ ދެއްކުންތައް އުފެދިގެން އަންނަނީ ޝައިޠާނާގެ ކިބައިންނެވެ. ޝައިޠާނާ އަބަދުވެސް ބޭނުންވާނީ މީސްތަކުގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށެވެ. ތަޅާފޮޅުންތައް ކުރިއަށް ގެންދުވައި ލޭ އޮހުރުވުންތައް ގިނަވުމަށެވެ. ވީމާ ޔޯލަ ވާހަކަތައް ހިފައިގެން މީސްމިހުންގެ ގާތަށް  ހިނގާ މީހާއަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠާނާ ރޯކުރުވާ އަލިފާންގަނޑު ނިވުނަ ދިނުމަށްޓަކައި އެ އަލިފާންގަނޑަށް ދަރުއަޅައިދެމުން ހިނގާ މީހަކަށެވެ! 

މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ވެސް ބުނެދީފާނަމެވެ. ޔޯލަ ވާހަކަތައް އަޑުނާހާ، ޤަބޫލު ނުކުރާ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ އަދަދު ޢާންމުގޮތެއްގައި ވަރަށް ބޮޑުތަނުން މަދުވާނެއެވެ. އެއީ ޝައިޠާނާއަށް އެދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ނުލިބޭތީއެވެ. ޔޯލަ ވާހަކަތަކަށް ދެމަފިރިންގެ ދެމެދަށް ނުވަދެވޭތީއެވެ. 

ވީމާ ދުނިޔެއާއި އާޚިރަތް ލިބިގަތުމަށްޓަކައިވެސް ޔޯލަވާހަކަތަކުން ސަލާމަތްވެގެން ތިބެން ޖެހެއެވެ. ގެއިން ވައްކަން ކޮށްފާނެތީ ގެތައް ތަޅުލައި ބަލަހައްޓާފަދައިން ޔޯލަ ވާހަކަތަކުންވެސް ގެދޮރު ސަލާމަތްކުރަން ޖެހެއެވެ. ކަންފަތްތަކަށް އުނގުރި ޖަހައި އެފަދަ ވާހަކަތައް އަޑު ނުއަހަން މަސައްކަތްކުރަންޖެހޭނެއެވެ. މާނައަކީ ޔޯލަ ވާހަކަ ދައްކަން ގެއަށް އަންނަ ކޮންމެ މީހަކަށް ވެސް ރަތްކާޑު ދައްކާށެވެ. އެފަދަ ވާހަތައްކަށް ތަރުޙީބު ނުދޭނެ ކަމާއި ބަލައި ނުގަންނާނެ ކަމަށް ސާފުބަހުން ބުނާށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމުން ސަލާމަތްވެގެން ތިމާވެސް ހުންނާށެވެ. 

- އިސްލާމި ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން