އަހަރެމެންގެ ތެރެއިން މީހަކަށް އާދައާ ޚިލާފް ރީތިކަމެއް ﷲ ތަޢާލާ ދެއްވަވައިފިނަމަ މިފެންނަނީ އެމީހަކު މަގުފުރެދިގެންދާތަނެވެ. ﷲ ތައާލާ ނަހީ ކުރެއްވެވިހައި ކަންކަން ކުރަމުން ގެންދާތަނެވެ. ސަބަބެއް ކަމަށް ބުނަނީ މިޒަމާނުގެ ބަހުރުވައިންނަމަ "ޑިމާންޑް" ބޮޑުވުން ކަމަށެވެ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ތިބާއަށް އާދައާއި ޚިލާފް ރީތިނ ކަމެއް ލިބިފައިވާނަމަ ފުރަތަމަވެސް ވިސްނަން ޖެހޭނީ އެ ނިޢްމަތް ލިބުނު ގޮތަކާއިމެދުގައެވެ. ހަމަ ޔަޤީނުންވެސް އެ ނިޢްމަތް އެލިބުނީ ތިބާގެ މައިން ބަފައިންގެ ކިބައަކުން ނޫނެވެ. އެމީހުންގެ މަސައްކަތަކުން ނޫނެވެ. އަދި ތިބާގެ މަސައްކަތަކުންވެސް އެ ނިޢްމަތް ލިބިފައި އެވަނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ.
އެހެންކަމަށްވާއިރު ފުރަތަމަވެސް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ﷲ ތާޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާ އަނގަވާފައި ގޮތަށް ތިމާގެ އަމަލުތައް ބެހެއްޓުމެވެ. އެއާއި ޚިލާފްވާނަމަ އެކަން ބަދަލުވާނީ ޝުކުރުވެރި ނުވުމަށެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވާނަމަ ދެން ކަންތައްތައް މެދުވެރިވެގެންދާނެ ގޮތް ވެސް ވަރަށް ރަނގަޅަށް އެނގޭ ނޫން ހެއްޔެވެ؟
ވިސްނައިލާށެވެ! ޔޫސުފްފާނަކީ ރީތިކަމުގެ ގޮތުން ދެވަނައެއް ނެތް ފަދަ މިސާލެކެވެ. ޔޫސުފްގެފާނުގެ އަރިއަހުން ފާހިޝް އަލަކަށް އެދުނު ހިނދު އަމަލުކުރެއްވެވި ގޮތާއިމެދު ވިސްނާށެވެ! އެކަމުގެ އަގަކަށް ފައިސާ އާއި ބޮޑު މަޤާމާއި ބޮޑު ޢިއްޒަތް ހުށަހެޅުމުން ނިންމެވި ނިންމެވުމަށް ވިސްނާށެވެ! ނިންމެވީ އެ ހުރިހާ ކަންކަން ދޫކުރައްވައި ޖަލަށް ވަޑައިގަތުމަށެވެ. ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުފުޅުންނެވެ.
އެ ނިންމެވުމުގެ ސަބަބަށް އެތައް އަހަރެއް ވަންދެން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ފަހުން ކަންކަން މެދުވެރިވެވަޑައިގެންނެވި ގޮތާއިމެދު ވިސްނާށެވެ! އެދުވަހު ﷲ ތަޢާލާއަށް ބިރުފުޅުން ދޫކޮށް ލެއްވެވި ހުރިހާ ކަންކަން މާފުރިހަމަ ގޮތުގައި ވަނީ ލިބިވަޑައިގެންފައެވެ. ﷲ ތައާލާ ވަނީ ދެއްވަވައިފައެވެ. މިޞުރުގެ ވެރިކަމާއި ތަނަވަސްކަމާއި ހުރިހާ ބާރުތަކެއް ވަނީ ލިބިވަޑައިގެންފައެވެ.
މިއީ މިއަދުގެ ޒުވާނުންނަށް ވަރަށް މުހިންމު ފިލާވަޅެކެވެ. ޢިބްރަތް ޙާޞިލުކުރުމަކީ އެމީހެއްގެ ކަމެކެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން