"އައިލަވްޔޫ"ގެ މާނައަކީ އަހަރެން ތިބާ ބޭނުންކޮށްލަން ބޭނުން ކަމަށް ހަދައިފި - ޒިނޭއަށް ބިރުވެތިވޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
"އައިލަވްޔޫ"ގެ މާނައަކީ އަހަރެން ތިބާ ބޭނުންކޮށްލަން ބޭނުން ކަމަށް ހަދައިފި - ޒިނޭއަށް ބިރުވެތިވޭ!: މުފްތީ މެންކް

އަހަރެމެން ބޮޑުވެގެން އައިއިރުވެސް ހަށިގަނޑު ހިތެއް އޮތެވެ. ކަންކަމަށް ބޭނުންވެސް ވެއެވެ. އަންހެނުން ފެނުމުން އުނދަގޫތަކެއްވެސްވެއެވެ. ވީމާ އެކަންކަނަ މިހާރުގެ ޒުވާނުންނަށްވެސް ކުރިމަތިވާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އެ ހާލަތުގައި ހިތަށް އަރާ ގޮތް ބަދަލުވުމެވެ. 

އެއިރު އެފަދަ ޙާލަތުގައި އަހަރެމެންގެ ހިތަށް އަރަނީ އަހަރެމެންނަށް ކައިވެނި ކުރެވޭނީ ކޮން ދުވަހަކުންބާވައެވެ! ނަމަވެސް މިއަދު ގިނަ ބައެއްގެ ހިތަށް އަރަނީ އެ އަންހެނާ، ނުވަތަ ފިރިހެނާގެ ބޭނުން އަހަރެންނަށް ހިފައިލެވޭނީ ކިހިނެއް ކަންކަން ކުރުމުންބާވައެވެ. މިއީ އުޑާއި ބިމާހައި ތަފާތު ބޮޑު ދެ ވިސްނުމެކެވެ. 

މިއަދު މީހަކު "އަހަރެން ތިބާ ދެކެ ލޯބިވަމެވެ" ބުނެފިނަމަ ގިނަފަހަރު އެބަސް ބުނެފައި އޮންނަނީ މުޅިން ތަފާތު މާނައެއްގައެވެ. ޙަޤީޤީ މާނައަކަށްވެފައި އޮންނަނީ އަހަރެން ތިބާގެ ބޭނުންކޮށްލަން ބޭނުން ކަމަށެވެ. ވީމާ މީހަކު ފޯނުކޮށްފައި ދައްކާ އެބާވަތުގެ ވާހަކަތަކަށް ނުހެއްލޭށެވެ. މިއަދުގެ ޒުވާން ފިރިހެނުން ވަރަށް ހުޝިޔާރެވެ! އެމީހުން "އައިލަވްޔޫ" ބޭނުންކުރަނީ އަންހެނުން ޝިކާރަކުރަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ. އެކަން ނުއެނގި ތިބެ އަންހެނުންތައް ގޮސް މަޅީގައި ޖެހެނީއެވެ. 

ޝިކާރަކުރަން ޖަނަވާރު ހިފަން ޖަންގަލީގައި ދަމާފައި ހުންނަ ދަލުގައި ޖެހޭ ޖަނަވާރު ކަތިލައިގެން ކައިލާ އުޞޫލުން އެކަނބަލުންގެ ނަފުސުތައް އެދަނީ ދިރިތިއްބައި ކަތިލައި ބޭނުންކޮށްލެވެމުންނެވެ. ޢިއްޒަތާއި ކަރާމާތް އެގެންދަނީ ނަގާލަމުންނެވެ. ބޭނުންކޮށްފައި އުކައިލެވޭ ޓިޝޫޕޭޕަރުތަކަށް ހަދަމުންނެވެ. ނިކަން ބުނެބަލާށެވެ! ތިއަ ކަނބަލުންގެ އަގަކީ ހަމަ އެއީ ހެއްޔެވެ؟  

މީސްތަކުންނޭވެ! ޒިނޭ އާއި އެއްގޮތަކަށްވެސް ކައިރިނުވާށެވެ! އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑުވެގެންވާ ފާފައެކެވެ. އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާ ފާފައެކެވެ. ވީމާ ކެތްތެރިވާށެވެ! ބައެއް މީޙުންނަށް ހީޚުރެވިފައި އޮންނަނީ ހަމައެކަނި އަޅުކަމަކީ އަޅުކަމުގައި ހިމެނޭ ޢަމަލުތައް ކުރުން ކަމަށެވެ. އެކަން އޮތީ އެހެނެއް ނޫނެވެ. ކެތްތެރިވުމަކީވެސް އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ. "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ވަހީކުރައްވަވާފައި އޮތުމުން އެކަމުގެ ދަލީލު ނުލިބެނީ ހެއްޔެވެ؟ 

ޒިނޭ ކުރުމުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވީމާ ފުރަތަމަ ކަމަކީ ކެތްތެރިވުމެވެ. ކެތްތެރިވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ބެލުންތައް ތިރިކުރުމެވެ. ބެލުންތައް ތިރިކުރުމުގެ މާނައަކީ ހަމައެކަނި ލޮލަށް ފެންނަ މީހުންނަށް ނުބެލުމެއް ނޫނެވެ. ފާހިޝް ކަމަކަށް މަގުފަހިވެދާނެ ފަދަ އެއްވެސް މަނަޒަރެއް ނުބެލުމެވެ. 

ބައެއް މީހުން މަގުމަތީގައި ބެލުންތައް ތިރިކޮށްފާނެއެވެ. ނަމަވެސް އެކަނި ވެވޭ ވަގުތު ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން މަގުމަތިން ފެނުނު މަންޒަރުތަކަށްވުރެ މާ ނުބައިކަން ބޮޑު މަންޒަރުތައް ބެލުމުން އެއީ ބެލުންތައް ތިރިކުރުން ކަމަކަށް ނުވާނެއެވެ. ބެލުންތައް ތިރިކުރުމަކީ ހަމަލޮލުންވެސް ތަސްވީރަކުންވެސް ފިލްމަކުންވެސް އެފަދަ އެއްވެސް މަންޒަރެއް ނުބެލުމެވެ. ވީމާ ބެލުންތައް ތިރިކުރުމުގެ މާނަ ހަމައެކަނި ލޮލަށް ޢާންކޮށް ފެންނަ މަންޒަރުތައް ނުބެލުމާއި ހަމައިން ނިންމައިނުލާށެވެ! 

އަނބިފިރިވަންތަކަމަށް ބޭނުންވާނަމަ ތިބާގެ ކިބައިގައި ކުޅަދާނަކަން ހުރިނަމަ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނިކުރެވެން ނެތް ނަމަ ރޯދަހިފުން ގިނަކުރާށެވެ. ކީރިތި ޤްރުއާން ކިޔެވުން ގިނަކުރާށެވެ! ކެތްތެރިކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ! ﷲ ތަޢާލާ ތިބާއަށް ކެތެރިކަން ދެއްވަވާނެތެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން