ހުކުރު ނަމާދު ނިމޭއިރަށް މިސްކިތުން ފައިބަން ތިއަ އަވަސްވެގަންނަނީ ކޮންތަނަކަށް ނުދެވިގެން ހެއްޔެވެ؟ ކޮންމެހެން ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް ނެތްނަމަ އަވަސް އަރުވާލައި މިސްކިތުން ފައިބާ މީހަކަށް ނުހަދާށެވެ! އެންމެ މަދުމިނުން 15 މިނީތް ވަރު މަޑުކޮށްލާށެވެ!
ޛިކްރް ތަސްބީޙަ ކިޔައިލާށެވެ. ފަހު ސުންނަތް ކޮށްލާށެވެ. ރަނގަޅީ 4 ރަކްޢަތް ކޮށްލުމެވެ. މަދުވެގެން 2 ރަކްޢަތްކޮށްލާށެވެ! އެއަށްފަހު މައިންބަފައިންނަށާއި ޢާއިލާއަށާއި ގާތް އެކުވެރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި ތިމާ އެދޭ ކަންކަމުގެ ވާހަކައިން ވެސް ދަންނަވައި ދުޢާކުރާށެވެ! މީސްތަކުންނަށް ނުއަންގައި އެމީހުންގެ މައްޗަށް ދުއާކުރުމުން ހަމަ އެކަމެއް ތިބާއަށް ދެއްވެވުން އެދި މަލާއިކަތުން ތިބާއަށްޓަކައި ދުޢާކޮށް ދެއްވަވާނެތެވެ! މި މަތިވެރި ނިޢްމަތް ދޫކޮށްނުލާށެވެ!
ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި މިހާރު ހުންނަ ގޮތުން ހުކުރުން ފޭބުމަށްފަހު ގިން މީޙުން އުޅޭނީ ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެންނެވެ. ވީމާ ހުކުރު ނަމާދުގެ ކުރިން ކަހްފި ސޫރަތް ނުކިޔެވޭ މީހުން ހުކުރު ނަމާދަށްފަހު ކިޔަވައި ނިންމައިލާށެވެ! ކަހްފި ސޫރަތް ކިޔަވާފައިވާނަމަ މިސްކިތުން ފޭބުމުގެ ކުރިން އެންމެ މަދުމިނުން ކީރިތި ޤްރުއާނުން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވައިލާށެވެ!
ޚާއްޞަކޮށް ދަރިން ގޮވައިގެން މިސްކިތަށް ދާ މީހުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިމުހިންމު އާދަ އެކުދިންގެ ކިބައިގައި އަށަގަންނުވޭނީ މައިންބަފައިން އެކަމުގައި ނަމޫނާ ދައްކައިދިން ވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން