މުސްލިމުން އެންމެ ގިނައިން ކުރާ ދުޢާއަކީ ސީދާވެގެންވާ ތެދުމަގު ދެއްކެވުން އެދި ކުރާ ދުޢާއެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އެ ދުޢާ ކުރަމުއެވެ. އެހެންކަމުން ތިމާއަށް މިހުރެވެނީ ސީދާވެގެންވާ ތެދުމަގުގައިކަން ބަލައިލަން ގިނަ ބައަކު ބޭނުންވެ އެކަމުގެ ސުވާލުތައް ކުރިމަތިކުރުވައެވެ. ސީދާވެގެންވާ ތެދުމަގުގައި ނުހުރެވި އާޚިރަތް ކާމިޔާބު ނުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.
އެކަން ވަރަށް ފަސޭހައިން އަމިއްލައަށް ވެސް ބަލައިލެވިދާނެއެވެ. ފުރަތަމަ ބަލަންވީ ތިމާއަކީ ކިތަންމެ ދަތިހާލުގައި އުޅެމުންވެސް އަދި ކިތަންމެ ބޮޑު ނިޢްމަތެއް ލިބިގެން އުޅުނު ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ރައްކައުތެރިވެވޭ މީހަކުތޯއެވެ؟ ކުރަން ޖެހޭ އަޅުކަން ފުރިހަމައަށް އަދާކުރެވޭތޯއެވެ؟ ނަހީކުރައްވަވާފައިވާ ކަންކަމުން ދުރުހެލިވެގެން ހުރެވޭތޯއެވެ؟ އެއަށްފަހު ތިމާއަކީ ރުޅި ކޮންޓްރޯލު ކުރެވޭ މީހެއްތޯ އަމިއްލައަށް ވިސްނައިލާށެވެ!
ރުޅި ކޮންޓްރޯލުކުރުމުގެ ވާހަކަ ބުނުމުން ބައެއް މީޙުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ! ރުޅި ކޮންޓްރޯލުކުރެވޭ މީހަކަށްވުމަކީ ސީދާވެގެންވާ ތެދުމަގުގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެނީ ރުޅި ކޮންޓްރޯޅު ނުކުރެވޭ މީހާ ރުޅި އަންނަ ވަގުތުތަކުގައި އަތުންފައިން ގޯސް ހަދާނެއެވެ. ދުލުން ނުބައި ބަސްތައް ބުނާނެއެވެ. އެކަންކަން ކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ސީދާވެގެންވާ ތެދުމަގަކު ނޫނެވެ.
ރުޅި ކޮންޓްރޯލުކުރެވޭ މީހާއަށް ރަސޫލް (ޞޢވ) އެހައި މަތީ ދަރަޖައެއް ދެއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. "އެންމެ ބާރުގަދަ މީހާއަކީ އަތްފައިގެ ބާރުގަދަ ކަމުން އެހެން މީހުންގެ މައްޗަށް ގަދަވެ ގަނެވޭ މީހާ ނޫން ކަމާއި އެންމެ ބާރު ގަދަ މީހަކީ ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލު ކުރެވޭ މީހާ" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ.
މިބަޔަނާކުރީ ތިމާއަށް މިހުރެވުނީ ސީދާވެގެންވާ ތެދުމަގުގައިކަން އެންމެ ފަސޭހައިން ދެނެގަނެވޭނެ ބައެއް ކަންތައްތަކެވެ. ވީމާ އަމިއްލައަށް ވިސްނައި ހިސާބުކުރާ މީހަކަށްވާށެވެ! ތިމާއަށް މިހުރެވެނީ ސީދާ ވެގެންވާ ތެދުމަގުގައިކަން ޔަޤީންކޮށްގެން ނޫނީ ނުނިދާށެވެ! އެހެނީ ފުރާނަ ހިއްޕަވާނީ ނިދީގައި ކަމަށްވެސް ވެދާނެއެވެ.
- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން