އަމިއްލަ ޢާއިލާ އާއި މުވައްޒިފުން ހިމެނޭ ގޮތަށް ތިމާގެ ބެލުމުގެދަށުގައިވާ މީހުންގެ ހިތުގައި ޖެއްސުމަކީ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އަމިއްލަ ޢާއިލާ އާއި މުވައްޒިފުން ހިމެނޭ ގޮތަށް ތިމާގެ ބެލުމުގެދަށުގައިވާ މީހުންގެ ހިތުގައި ޖެއްސުމަކީ ފާފައެކެވެ!

ބައެއް މީހުން ތިބާ އެއްވެސް ފާފައެއް ނުކުރާ ކަމަށް ބުނެއެވެ. ނަމަވެސް އެގޮތަށް ބުނާއިރު ފާފައިގައި މިން އަޅަނީ ނުވަތަ ފާފައެއް ކަމަށް އެ ބަލަނީ ކޮން މިންގަނޑަކުން ކަމެއް ނުއެނގެއެވެ. 

ބައެއް މީހުންގެ ނަޒަރުގައި އެމީހެއްގެ ބެލުމުގެދަށުގައި ތިބޭ ޢާއިލާގެ މީހުންނާއި މުވައްޒިފުން ހިތުގައި ޖެއްސުމަކީ ފާފައެއް ނޫނެވެ. އެއީ އޭނާއަށް ކުރުން ހުއްދަ ކަމެކެވެ. އެކަން ފާފައަކަށް ނުވާނެ އެއްވެސް ގޮތެއް ނިކަން ދައްކައިބަލާށެވެ!  ހަމައެކަނި ތިމާގެ ބެލުމުގެދަށުގައި ތިބި މީހުން އެކަންޏެއް ނޫނެވެ. އެއްވެސް އިންސާނެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރުމަކީ ފާފައެކެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. 

މީސްތަކުންގެ ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ކުރުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވައިފައެވެ. ހަމައެކަނި މުސްލިމުންގެ އެއް ނޫނެވެ. އެހެން ދީނެއްގެ މީހެއް ނަމަވެސްމެއެވެ. އެންމެންނާއިމެދުވެސް އަމަލުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. ޚިޔާލުތަފާތުވާ ޙާލަތުގައިވެސް މުޢާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. އަމުރެއް ކުރާނަމަ އެކަންވެސް ކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. 

އެކަން ރަސޫލް (ޞޢވ) އަމަލުފުޅުތަކުން ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. އަހަރެމެންނަށް އޮތީ އެކަން ބަލައިގަތުމެވެ. އެކަން އެގޮތަށް ތަންފީޒުކުރުމެވެ. ޢާއިލާގެ ވެރިކަން ނަމަވެސް އަދި މުޖުތަމައުގެ ވެރިކަން ނަމަވެސް ﷲ ތަޢާލާ ވެރިކަމެއް ދެއްވެވުމަކީ އެހެން މީހުންގެ ކަރާމާތަށް އަރައިގަތުން ހުއްދަވާ ސަބަބެއް ނޫނެވެ. އަދި ބާރެއް ދެއްވެވުމަކީވެސް ގަދަބަދަވިކަން ދައްކަން ލިބޭ ހުއްދައެއް ނޫނެވެ. 

އިސްލާމް ދީނަކީ އަޅުވެތިކަން މަނާކުރާ ދީނެވެ. ވީމާ ކުރީ ޒަމާނުގައި މީސްތަކުން އަޅުވެތިކޮށް މީސްތަކުންނާއިމެދު އަމަލުކުރި ގޮތަށް އަމަލުކުރުން އިސްލާމް ދީނުގައި ވަނީ މަނާ ކުރައްވަވައިފައެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކޮންމެ ކަމެއް ކުރުމަކީވެސް ފާފައެކެވެ. ފާފައިގެ މިން ކަނޑައެޅުމަކީ އެއްވެސް މީހަކަށް ހުއްދަ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ. ފާފައިގެ މިނާއި ދެއްވަވާނެ ސަވާބު ކަނޑައެޅުއްވެވުމަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. 

އިސްލާމް ދީން ބާވައި ލައްވަވައި މީސްތަކުން މިނިވަން ކުރެއްވެވުމުން ވެސް މީސްތަކުން އަޅުވެތިކުރަނީތޯ ޢުމަރުގެފާނު ކުރެއްވެވި ސުވާލުން މިކަންކަން އިތުރަށް އެނގިގެންދެއެވެ. ވީމާ ފާފަ ޢާއިމެދު މިހާރަށްވުރެ ބޮޑަށް ވިސްނާށެވެ! ނުވިސްނައިފިނަމަ ފާފައެއް ކަމަށް ޤަބޫލު ނުކުރެވި ކުރެވޭ ފާފަތައް އިންތިހާއަށް ގިންވެގެން ހިނގައިދާނެއެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ހިތާމައެއްވެސް އުފުލަން ޖެހިދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން