ދެމަފިރިންގެ މެދުގައި ވެސް ސަލާމްކުރުން ގިނަކޮށްފިނަމަ މައްސަލަތައް ހައްލުވެ ލޯބި އިތުރުވާނެ! - ވިޔަފާރީގެ ފައިދާ ވެސް އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދެމަފިރިންގެ މެދުގައި ވެސް ސަލާމްކުރުން ގިނަކޮށްފިނަމަ މައްސަލަތައް ހައްލުވެ ލޯބި އިތުރުވާނެ! - ވިޔަފާރީގެ ފައިދާ ވެސް އިތުރުވާނެ!

ދެމަފިރިންގެ މެދުގައި ވެސް ސަލާމްކުރުން ގިނަކޮށްފިނަމަ މައްސަލަތައް ހައްލުވެ ލޯބި އިތުރުވާނެއެވެ. ޝައްކުވަނީ ހެއްޔެވެ؟ ނިކަން ތަޖުރިބާކޮށް އަމިއްލައަށް ބަލައިލަބަލާށެވެ!

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އަނބިދަރިންނާއި އަދި މައިންބަފައިންނާއި ބައްދަލުވުމުން ސަލާމް ކުރުމަކީ ތިމާމެންގެ ދުރުކަން އަނގައިދޭ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތް ކަމެއް ނޫނެވެ. ސަލާމް ކުރުމުން އަނގައިދެނީ އެކަކު އަނެކަކު ދެކެ ލޯބިވާ ކަމެވެ. ހެޔޮ އެދޭ ކަމެވެ. އެމީހާގެ ކިބައިން އަނެކާއަށް ސަލާމަތްކަމާއި ރައްކައުތެރިކަން ހުރި ކަމެވެ. 

ސަލާމްކުރުން ގިނަކުރުމަކީ އެކަމުގެ ސަބަބުން ﷲ ތައާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން އިތުރުވަމުންދާނަމަ އެދެމެދަށް ވަނުމަކީ ޝައިޠާނާއަށް އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. ދެމަފިރިންގެ ދެމެދަށް ވަނުމަށް ޝައިޠާނާއަށް ހުރަސް އެޅިގެން ދިއުމަކީ މައްސަލަތައް މަދުވެ ދެމްފިރިންގެ މެދުގައި ލޯބި އިތުރުވަމުންދާނެ ކަމެކެވެ. 

ސަލާމް ކުރަންވީ ހަމައެކަނި ގެއަށް ވަންނަ ވަގުތަކު ނޫނެވެ. ގޭތެރެއިން ބައްދަލުވުމުންވެސް ސަލާމްކުރާށެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން ސަލާމްކުރާށެވެ. އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސަލާމްކުރުން ގިނަކުރުމަށެވެ. އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ އެއްވެސް ކަމެއް ކުރުމަކަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ރަސޫލް (ޞޢވ) ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމަކީ ހަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކެވެ. 

ސަލާމް ކުރުން ގިނަ ކުރުމަކީ މީސްތަކުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އޮތުމާއި ސަލާމްކޮށްފިނަމަ އެއަށްވުރެ ފުރިހަމަ ޢިބާރާތަކުން ސަލާމަށް އިޖާބަ ދިނުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވައި ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވާފައި އޮތުމުން މި ބުނި ބަސްތަކުގެ ދަލީލަކަށް ފުދޭނެއެވެ. 

ނަމަވެސް މިއަދު މިފެންނަނީ މީހަކު ނުހަނު ރިވެތިކޮށް "އައްސަލާމްޢަލައިކުމް" ބުނުމުން ބޮޑާވެ ކިބުރުވެރިވާތަނެވެ. މަޖުބޫރުވެގެން ބުނާފަދަ ގޮތަށް "ވަޢަލައިކުމުއްސަލާމް" ބުނާތަނެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާގެ އެ އަމުރުފުޅަށް އިޖާބްދޭ މީހުން ކަމަކަސް ނުބެލެވޭނެއެވެ. 

އަދިވެސް އިތުރު ވާހަކައެއް ބުނެފާނަމެވެ. ގެންގުޅޭ މުވައްޒިފުންނަށް ސަލާމްކުރުން ގިނަކުރުމަކީ އެމީހުންގެ ހިތުގައި ލޯބި އިތުރުވެ އިޚްލާޞްތެރިކަން އިތުރުވާނެ ކަމެވެ. އެކަމުގެ ސަބަބުން ސަވާބު ލިބުމުގެ އިތުރުން ވިޔަފާރިއަށްވެސް ފައިދާ ކުރާނެ ކަމެކެވެ. ވީމާ މުވައްޒިފުންނާއިވެސް ގިނަގިނައިން ސަލާމް ކުރާށެވެ. ބައްދަލުވުމުން ފުރަތަމަ ބުނާ ބަހަކީ "އައްސަލާމްޢަލައިކުމް" ކަމުގައި ހަދާށެވެ! ނަތީޖާ ފެންނާނެއެވެ. އިންޝާ ﷲ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން