ނިކަން ބިރުވެތިވެބަލަ! އެއް ބައަކު ގަނޑުވެފައި ހުންނަ ބޯންހުރި ފެންފޮދުން ވުޟޫކޮށްގެން ފަތިސް ނަމާދުކުރާއިރު އަހަރެމެންނަށް ދެއްކޭނީ ކޮން ޢުޒުރެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނިކަން ބިރުވެތިވެބަލަ! އެއް ބައަކު ގަނޑުވެފައި ހުންނަ ބޯންހުރި ފެންފޮދުން ވުޟޫކޮށްގެން ފަތިސް ނަމާދުކުރާއިރު އަހަރެމެންނަށް ދެއްކޭނީ ކޮން ޢުޒުރެއް؟

10000 ރިފިޔުޖީން ދިރިއުޅޭ ސީރިޔާގެ ކޭންޕަކަށް ދިއުމުގެ ފުރުޞަތު ވަރަށް ފަހުން ލިބުނެވެ. ދެވުނީ ރޭގަނޑެއްގައެވެ. ފިނިމިން ހުރީ މައިނަސްގައެވެ. އަރާނެ ބޫޓެއްގެ މިންވަރު ލިބިފައިވަނީ މަދު މީހެކެވެ. އެއް ރަޖާ ގަނޑުގެ ދަށުގައި އެތައް ބައަކު ނިދަން ތިއްބެވެ. ފަތިސްވުމުން ތެދުވެ އެ ފިނިކަން ގަދަ ފެނުން ވުޟޫކޮށްގެން އެމީހުން ނަމާދުކުރިއެވެ. ވުޟޫ ކުރީވެސް އެދުވަހު ބޯން ބޭނުންކުރަން ހުރި މަދު ފެންފޮދުންނެވެ. 

އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބޯނެ ފެން ނެތް ނަމަވެސް މައްސަލައެއް ނެތެވެ. ފެނުގެ ފިނިކަން ގަދަކަމުންވެސް އެއްވެސް ޝަކުވާއެއް ނެތެވެ. 

އަހަރެމެންނަށް ބޭނުން ނަމަ ފިނިފެނާއި ހޫނު ފެންވެސް މިހިރީ އެމީހަކު ބޭނުން މިނެއްގައި ބޭނުން ވަރަކަށް ލިބޭށެވެ! ނިދަން މިހިރީ ނުހަނު އަރާމު ތަންމަތިތަކެވެ. ބޭނުންނަމަ ކޮޓަރި ފިނިކުރަންވީއެވެ. ހޫނުވެސް ކުރަންވީއެވެ. ހަމަ ގައިމުވެސް ފަންކާއެއް ނެތް މީހަކު ނުހުންނާނެ ކަމަށް ބުނެވިދާނެއެވެ. 

ސުވާލަކީ މިހުރިހާ ނިޢްމަތްތައް އަހަރެމެންނަށް ދެއްވެވުމުން ވެސް ފަތިސް ނަމާދަށް ހޭލަމު ހެއްޔެވެ؟ ފަތިސް ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟  

މީސްތަކުންނޭވެ ބިރުވެތިވާށެވެ! ޤިޔާމަތް ދުވަހު ކުރިމަތިވާނީ ހަމައެކަނި ނަމާދު ނުކުރުމުގެ މައްސަލައެއް ވެސް ނޫނެވެ. އެކަލާނގެ ދެއްވެވި ކޮންމެ ނިޢްމަތެއްގެ ވެސް ބޭނުން ހިފިގޮތާއިމެދު ސުވާލުކުރައްވަވާނެތެވެ! ޖަވާބު ނުދީ ފައި ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ. 

ނަމާދު ނުކުރާތަނުގައި އަބަދުވެސް އުޅެނީ ހިތް ނުފުރިގެންނެވެ. ރަން ފަރުބަދައިގެ 2 ފަރުބަދަ ދެއްވެވި ނަމަވެސް ހިތް ނުފުރިގެން 3 ވަނަ ފަރުބަދައަށް އެދޭނެ ކަމަށް އޮތް ޙަދީޘް ބަސްފުޅުގެ ތެދުކަން މިދަނީ ހާމަވަމުންނެވެ. އިންސާނާ ދުނިޔެ ބޭނުންވެގެން ނުއުޅޭނީ ހަމައެކަނި މަރުވުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން