ފާފަ ކުރަން މަގުފަހިވުމަކީ ﷲ ކުރިމަތި ކުރައްވަވާ އިމްތިޙާނެއް! ސަލާމަތްކަން ބޭނުންވާނަމަ ޖެހޭނީ ފާސްވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ފާފަ ކުރަން މަގުފަހިވުމަކީ ﷲ ކުރިމަތި ކުރައްވަވާ އިމްތިޙާނެއް! ސަލާމަތްކަން ބޭނުންވާނަމަ ޖެހޭނީ ފާސްވާން!

ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވަނީ ވަރަށް މަދު ކަންތައްތަކެކެވެ. އަދި އެއިން ކޮންމެ ކަމަކީ އެކަމެއް ކުރުމުން މީސްތަކުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަންތައްތަކެއްވެސް މެއެވެ. އެކަމެއް ކުރުމުން އެއްވެސް އިންސާނަކަށް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ﷲ ތަޢާލާ ނަހީ ކުރައްވަވާފައެއް ނުވެއެވެ. 

އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އަދި ބިރުގަންނަން ޖެހޭ އެއްކަމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުމަށް ވަރަށް ފަސޭހައިން މަގުފަހިވެގެންދާ ކަމެވެ. ފުރުޞަތުތައް ފަހިވެގެންދާ ކަމެވެ. އެގޮތަށް މެދުވެރި ކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. 

މިސާލަކަށް މީޙަކަށް ދެއްވަވާ މަޤާމެއްގެ ސަބަބުން ނުވަތަ ތަނަވަސްކަމުގެ ސަބަބުން ވަރަށް ގިނައިން ޤައުމުން ބޭރަށް ދިއުމުގެ ފުރުޞަތު ލިބިދާނެއެވެ. ވަޒީފާގެ ގޮތުން ނުވަތަ ދިރިއުޅެން ކުރާ މަސައްކަތުގެ ގޮތުން ވަރަށް ގިނައިން ބޭރު ޤައުމުތަކަށް ދިއުމުގެ ފުރުޞަތު ލިބިދާނެއެވެ. ހަމައެފަދައިން ތިމާ އެމީހަކާއި އެންމެ ގަޔާވާ ސިފަތައް ހުރި މީހަކާއިއެކު ވަރަށް މިނިވަންކަމާއިއެކު އުޅުމުގެ ފުރުޞަތު ލިބިދާނެއެވެ. ގޭގައި އެކަނި އުޅެންވެސް މެދުވެރިވެދާނެއެވެ. ބައެއް ފަހަރު ލިބޭ ފުރުޞަތުގެ ސަބަބުން ވަރަށް ފަސޭހައިން ޚިޔާނާތްތެރިވެ ވައްކަންކުރުމުގެ ފުރުޞަތުވެސް ލިބިދާނެއެވެ. އަދި މިނޫން ފާފަތައް ކުރުމުގެ ފުރުޞަތުވެސް ލިބިދާނެއެވެ. 

މިފަދަ ފުރުޞަތެއް ލިބިއްޖެ ނަމަ ޝައިޠާނާ ވަރަށް އަވަސް އަރުވާލާފައި އައިސް ފާފަކުރަން ނަޞޭޙަތްދީ ހިތްވަރުދޭނެއެވެ. ޤައުމުން ބޭރުގައި ހުންނައިރު ފާފައެއް ކުރިނަމަވެސް އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށްބުނެ ބަނގުރާ ބުއިމާއި ފާހިޝް އަމަލުތައް ކުރުން ފަދަ ކަންކަން ކުރަން ނަޞޭޙަތްތެރިވާނެއެވެ. ފަހަތުން ވިއްދާގޮތަށް ކުރަންދެން ވަސްވާސް ދިނުން މަތީގައި ދެމިހުންނާނެއެވެ.

އެހާލަތުގައި ފުރަތަމަވެސް ކުރަން ޖެހޭނެ ކަމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރި ނަމަވެސް ތިމާކުރާ އަމަލުތައް ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެނައުމެވެ. އަދި މިއީ ﷲ ތަޢާލާ ތިމާ ކުރައްވަވާ އިމްތިޙާނެއްކަން ޤަބޫލުކުރުމެވެ. ޔަޤީން ކުރަންވީ ފާފަ ކުރުމުގެ ފުރުޞަތު ލިބުމުން ނުކުރުމަކީ ކިހައި މަތިވެރި ނިޢްމަތް ދެއްވަވާ ކަމެއް ކަމެވެ. 

ހަމަ އެއާއިއެކު ދައުލަތުގެ ނަމަވެސް އަމިއްލަ މީހެއްގެ ކިބައިން ނަމަވެސް ނާޖާއިޒު ފައިދާތައް ނެގިދާނެ ފަދަ މަޤާމުތައް ލިބޭ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ. ހަމަކަށަވަރުން އެއީ ކުރިމަތި ކުރައްވަވާ އިމްތިޙާން ތަކެކެވެ. ހިތާމައަކީ ގިނަ ބއަކު ފޭލްވަމުންދާ ކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ!  ﷲ ތަޢާލާގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބިގެން ނުވާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހިޔާވަހިކަން ލިބޭނެ އެކަކީ ރިވެތި އަންހެނަކު ޒިނޭކުރުމަށް ދައުވަތު ދިނުމުން ﷲ ތަޢާލާއަށް ބިރުން އެކަން ނުކުރި މީހާއެވެ. މިކަމުން ވެސް އެނގިގެންދަނީ ދުނިޔޭގެ އުފާތައް ޙާޞިލުކުރުމުގެ ފުރުޞަތު ލިބުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ޙައްޤުމަގުގައި ހުރުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ނިޢްމަތްތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން