ތިބާ އެންމެ މީހަކު ނުމެރި ނަމަވެސް ޤިޔާމަތް ދުވަހު ތިބާއަކީ އެތައް ބައިވަރު ބައެއްގެ ޤާޠިލު ކަމަށް ވެދާނެ ކަމަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ތިބާ އެންމެ މީހަކު ނުމެރި ނަމަވެސް ޤިޔާމަތް ދުވަހު ތިބާއަކީ އެތައް ބައިވަރު ބައެއްގެ ޤާޠިލު ކަމަށް ވެދާނެ ކަމަށް ބިރުވެތިވާށެވެ!

އަހަރެމެންގެ އަމަލުތައް ކޮންމެ ބުރާސްފަތި ދުވަހަކާއި ހޯމަ ދުވަހަކު ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދެއެވެ. އަހަރެމެންގެ ތެރެއިން ފާފަ ފުއްސެވުންއެދި މަސައްކަތްކޮށްފައިވާ އަޅުނަގެ ފާފަތައް ފުއްސަވައިވެސް ދެއްވަވައެވެ. ނަމަވެސް އެކެއްގެ ފާފަތައް ނުފުއްސަވައި މަޑު ޖައްސަވައިލައްވަވައެވެ.  އެއީ ރުޅިވެރިކަންމަތީގައި ތިބި ދެ މީހުންގެ އެވެ. އެދެމީހުން އެކުވެރިވެ ސަލާމްކުރަންދެން އެ ދެ މީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން ލަސްކުރައްވަވަތެވެ. 

މީސްތަކުންނޭވެ! އެކަކު އަނެކަކަށް ރުޅިވެގެން ތިބުމަކީ ވަރަށް ނުބައިކަން ބޮޑު އަމަލެކެވެ. 3 ދުވަހަށްވުރެ ގިނަ ދުވަހު ރުޅިވެގެން ނުތިބުމަށް ރަސޫލް (ޞޢވ) ވަނީ އަންގަވައިފައެވެ. ވީމާ ރުޅިވެރިކަމުގައި އަހަރެމެންނަށް ގިނަވެގެންވެސް ތިބެވޭނީ އެންމެ 3 ދުވަހުއެވެ. އެއަށްަހު އެކުވެރިވެ ޞުލްޙަވާންޖެހޭނެއެވެ. 

ކުޑަކުޑަ ކަމެއް މެދުވެރިވެގެން އެތައް އަހަރެއްވަންދެން އެކަކު އަނެކަކާ ވާހަކަ ނުދައްކައި ތިބޭ މީހުންނަށް މިކުރެވެނީ ކިހައިވަރެއްގެ ނުބައި އަދި ބިރުވެތިކަން ބޮޑު ކަމެއްކަން ނުއެނގެނީ ހެއްޔެވެ؟ އަހަރު ދުވަސްވަންދެން އަޚާ އާއި ވާހަކަ ނުދައްކައި ހުރެއްޖެ ނަމަ އެމީހަކު މެރުން ފަދައެވެ. ޤަތުލުކުރުން ފަދައެވެ. އެހެންވީމާ މީސްތަކުންނަށް މާފުކޮށް ވާހަކަ ނުދައްކައި ހަސަދަ ލައިގެން ދުނިޔޭގައި އުޅޭ މީހުން މަރުވެގެންދާއިރު އެމީހުންގެ ކިތައް އަޚުން ޤަތުލުކުރެވިފައިވާނެ  ހެއްޔެވެ؟ އެކަމުގެ ޒިންމާ އުފުލިދާނެ ހެއްޔެވެ؟ 

ތިބާ ދުނިޔޭގައި ހަމަ ހެޔޮ އަމަލުތައް ކުރަނީއެވެ. ބައިވަރު ސަވާބުތައް ހޯދަން ގަދައަޅައި މަސައްކަތްކުރަނީއެވެ. ޤިޔާމަތް ދުވަހު އެ ހުރިހާ ސަވާބުތައް ހިފައިގެން ގޮސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓޭއިރު ތިމާއަކީ އެތައް ބައިވަރު އަޚުން މަރާފައި ހުރި ޤާތިލަކަށް ވެއްޖެނަމަ އެހައި ބުރަ މަސައްކަތްކޮށްގެން ހޯދިހައި ސަވާބުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހުމުން އެ މައްސަލަ ހައްލުކޮށް މާފަށް އެދެން އުޅޭއިރަށް އެދެމެދަށް ޝައިޠާނާ ވަންނާނެއެވެ. ޝައިޠާނާ އެންމެ ގިނައިން ބުނާނީ "ކުށްވެރިއަކީ އޭނާ ނޫންހެއްޔެވެ؟ ކަލޭ ތިއަހުރީ ހަމަ ރަނގަޅު ގޮތުގައެވެ؟ ވީމާ މާފަށް އެދުމަކީ ކަލޭ ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އެއީ އޭނާ ކުރަން ޖެހޭނެ ކަމެކެވެ." 

ޝައިޠާނާ މިގޮތަށް ވިސްނައިދޭނީ އެކަކަށް ނޫނެވެ. ދެ މީހުންނަށްވެސް މިގޮތަށް ވިސްނައިދޭނެއެވެ. ނަތީޖާއަކީ ދމީހުން ކުރެ އެކަކުވެސް މާފަށް އެދުމުގައި އިސް ނަގަން ބޭނުން ނުވުމެވެ. ވީމާ ޝައިޠާނާގެ މިމަޅީގައި ނުޖެހޭށެވެ. އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ ކުށްވެރިއަކީ ކާކުކަން ހޯދަން މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކުށްވެރިއަކީ ކާކުކަން ﷲ ތަޢާލާ މާމޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ވީމާ އަވަސްވެ ގަންނަންވީ މާފަށް އެދުމަށެވެ. ދެމީހުން ސަލާމްކޮށް އެކުވެރިވުމަށެވެ. 

އެހެން ނޫންނަމަ އަހަރެމެންގެ ފާފަތައް ހުންނާނީ ނުފުއްސަވައި ހިފެހެއްޓިފައެވެ. އަހަރެމެންގެ މެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން އަހަރެމެންގެ ފާފަތައް ފުއްސަވައި ނުދެއްވަވައި ހިފެހެއްޓިފައި ވަނިކޮށް މަރުވެއްޖެ ނަމަ ދެން ވާނީ ކިހިނަކުން ކަމާއިމެދު ބިރުވެތިވާށެވެ!  

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން