ނިމިދިޔަ ތިންމަހުވެސް ދައުލަތުގެ ޔޫސެބުލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީއިން ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޔޫޒަބްލް ރިޒާވް 317.9 މިލިއަން ޑޮލަރު ނުވަތަ 4.93 ބިލިއަން ރުފިޔާގައި ހުރިއިރު ފެބްރުއަރީ މަހު ވަނީ 295.3 މިލިއަން ޑޮލަރު ނުވަތަ 4.56 ބިލިއަން ރުފިޔާއަށް ދަށް ވެފައެވެ. މާޗް އަދި އޭޕްރީލް މަހުވެސް ބޭނުން ކުރެވޭ ރިޒާވް ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ އެޕްރީލް މަސް ނިމުނު އިރު ޔޫސަބުލް ރިޒާވް ވަނީ 250.2 މިލިއަން ޑޮލަރު ނުވަތަ 3.86 ބިލިއަން ރުފިޔާއަށް ވެއްޓިފައެވެ.
ބޭނުން ކުރެވޭ ރިޒާވް ދަށަށް ދިޔައީ، އިންޑިއާޔާ އެކު ހެދި ކަރަންސީ ސްވޮޮޕް އެގްރިމަންޓެއްގެ ދަށުން، އެ ގައުމަށް ފައިސާ ދައްކަން ޖެހުމުން ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ، 757.8 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުން ކުރެވޭ ރިޒާވް ހުރީ، 281.4 މިލިއަން ޑޮލަރުގަ އެވެ.