އެމްއެމްއޭގެ 'ކަރަންސީ ގެލަރީ' ރަސްމީކޮށް ހުޅުވައި ޢާންމުކޮށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކަރަންސީ ގެލަރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދުނޫން ކޮންމެ ދުވަކު 8:30 ން 2:00 އަށެވެ. އެމްއެމްއޭގެ ގްރައުންޑްފްލޯގައި ހަދާފައިވާ މި ގެލަރީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށްވެސް ވަނީ ހުޅުވާލާފައެ
މި ގެލަރީ ރަސްމީކޮށް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ކަމާއި މާލީ ވަޒީރުކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ކަރަންސީ ގެލަރީ ހުޅުވިގެންމިދަނީ އެމްއެމްއޭއަށް 38 އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެންކަމަށެވެ.
އެމްއެމްއޭގެ އިމާރަތް ހެދުމަށް ޕްލޭންކުރެވިގެން ދިއަދިޔުމުގައިވެސް އެމްއެމްއޭގައި ކަރަންސީ ގެލަރީ އެއް ހުޅުވުމުގެ ވިސްނުން ގެންގެޅެފައިވާ ކަމަށާއި މިއަދު އެކަންތައް ހަގީގަތަކަށްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާފޮއްޗާއި ނޫޓު ނެރުމުގެ މަސައްކަތް ބަލަހައްޓާ އިދާރާކަމަށްވާތީ، އެމްއެމްއޭއިން ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚް ފެންނަން ހުރުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މި ކަރަންސީ ގެލަރީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި، ނެރެފައިވާ ހުރިހާ ނޫޓާއި ފައިސާފޮއްޗެއް އެއްތަނަކުން ފެންނާނެގޮތް ހެދުމެވެ. މީގެ އިތުރުން ހަނދާނީ ފައިސާގެ ގޮތުގައި ނެރެފައިވާ ފައިސާވެސް މި ގެލަރީއިން ފެނިގެން ދާނެއެވެ.
އެމްއެމްއޭގެ އަހަރީ ދުވަހަކީ ޖުލައި 1 ވަނަ ދުވަހެވެ.