ބަނޑަށް ޖެހުން ހުއްޓުވުމަށް "އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގަށް" އަމަލުކުރަން އެފްއޭއޯ އަށް ގޮވާލެވިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ބަނޑަށް ޖެހުން ހުއްޓުވުމަށް "އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގަށް" އަމަލުކުރަން އެފްއޭއޯ އަށް ގޮވާލެވިއްޖެ!

ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު ކޮންމެ އަހަރަކު 1 ބިލިއަން ޓަނަށްވުރެ ގިނަ ކާބޯތަކެތި އިސްރާފުކުރާ ކަމަށްބުނެ އެފްއޭއޯއިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ. 

އެފްއޭއޯ އިން ބުނީ ކުރިއަރާފައިވާ ޤައުމުތަކުގައި އިސްރާފްކުރުން ބޮޑުކަމަށެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި މީހެއްގެ މައްޗަށް އަހަރަކު 100 ކިލޯއަށްވުރެ ގިނަ ކާބޯތަކެތި އިސްރާފުކޮށް އެކައިލާ ކަމަށެވެ. އެންމެ ގިނައިން ކާބޯތަކެތި އިސްރާފްކުރަނީ ޔޫރަޕާއި އުތުރު އެމެރިކާގައި ކަމަށްވެސް ބުނެފައިވެއެވެ. 

އެފްއޭއޯ އިން ބުނީ ގިނަ ބައަކު ބަނޑަށް ޖެހެމުންދަނީ ކާބޯތަކެތީގެ އަގު އުފުލެމުންދާތީ ކަމަށާއި އަގު އުފުލެނީ އުފެއްދޭ މިންވަރު މަދުވުމުން ކަމަށެވެ. އެހެންކަމުން އިސްރާފުކުރުން މަދުކޮށްފިނަމަ ކާބޯތަކެތި ތިޔާގިވެ އަގުހެޔޮވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. 

ރެސްޓޯރަންޓްތަކުންވެސް އަދި ގޭގެއިންވެސް ބާކީވާ ކާބޯތަކެތި ކުނިކޮށް އުކައިލުމުގެ ބަދަލުގައި ބޭނުންވެގެން ތިބޭ ބައަކަށް ފޯރުކޮށްދެވޭނެ ގޮތަކަށް ހެދުމަށްވެސް އެފްއޭއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ. 

ކާބޯތަކެތި އެއްވެސް ސިފައެއްގައި އިސްރާފްކުރުމަކީ އިސްލާމް ދީނުގައި ހުއްދަކުރާ ކަމެއް ނޫނެވެ. އެންމެ އެތިކޮޅެއްވެސް އިސްރާފްކުރުން ހުއްދައެއް ނޫނެވެ. އިތުރުވެއްޖެ ނަމަ އާއި އިތުރުކޮށްގެންވެސް ޙާލުގައި ތިބި މީހުންނަށް ފޯރުކޮށްދިނުމަށް އިސްލާމް ދީން ގޮވާލައެވެ. ކާބޯތަކެތިން އިސްރާފް ނުކުރުމަށް ﷲ ތަޢާލާ ވަނީ ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވައިފައެވެ. ކީރިތި ޤްރުއާނުގެ ހަމަ އެކަނި މި 3 އާޔަތުންވެސް އެކަން އެނގިގެންދާނެއެވެ. 

"އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮަނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލް، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ޙާލްގައްޔާއި، އެއްވައްތަރުވެގެން ނުވާ ޙާލް ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިއަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފް ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފްކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އަލްއަންޢާމް: 141) 

"ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވި ހަލާލް ތަކެތިން ތިއަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިއަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިއަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ." (ޠާހާ: 81) 

"އޭ އާދަމް ގެދަރިންނޭވެ! ތިއަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިއަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފްނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." (އަލްއަޢްރާށފް: 31) 

ކީރިތި ޤްރުއާނުގައި މި އާޔަތްތައް މިފަދައިން ބަޔާންވެގެންވާކަން އެފްއޭއޯއަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ! ނަމަވެސް އެވާހަކަތައް ދައްކަން ލަދުގަންނަނީއެވެ. 

މިއަދު އޮންލައިން