މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެގްރިމަންޓެއްގައި 22 ޖުލައި 2019 ގައި ސޮއިކޮށްފައިވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
މި އެގްރިމަންޓާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް އެމްއެމްއޭއަށް ފުރުސަތު ލިބިގެންދާނެއެވެ. މި ސްވޮޕް ފެސިލިޓީ ހަމަޖެހިގެންދާނީ މިހާރުވެސް އަމަލުކުރަމުންދާ 'ފްރޭމްވާރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް' އަދި މި ފްރޭމްވާރކްގެ 'ސްޓޭންޑްބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެއިންނެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ކުރިން ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ބައެއްގެ ގޮތުގައެވެ. މި އެއްބަސްވުމާއެކު، ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ އިގްތިސާދީ ގުޅުން ވަރުގަދަ ވެގެންދާނެއެވެ.
މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ގަވަރުނަރު އަލްފާޟިލް އަޙްމަދު ނަޞީރެވެ. އަދި، އާރްބީއައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެގްޒެކްޓިވް ޑިރެކްޓަރ އެމް. ރާޖެޝްވަރް ރާއޯ އެވެ.