ބަރަކާތުން ފުރިގެންވާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް އަހަރެމެންނާއި ބައްދަލުކޮށްފައިވާއިރު އެދުވަސްތަކުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ ކުރެވިފައިވާ ކުށްފާފަތަކަށް ވީހައި ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކިތަންމެ ގިނަ ކުށްފާފަތަކެއް ކުރެވިފައިވީނަމަވެސް ﷲ ތަޢާލާ އިރާދަފުޅު ކުރައްވަވައިފި އަޅަކަށް ފުއްސަވައި ދެއްވަވާނެތެވެ.
މީސްތަކުން ކުރާ ކުށުގެ ރެކޯޑް އެކުގައި ފޮހެލައްވަވައި ދެއްވަވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެން ހުރިހާ ފަރާތަކުން ކުށުގެ އަދަބު ލިބި ނިމުމުންވެސް ކުށުގެ ރެކޯޑް ފޮތްތަކުގައި ލިޔެ ދަމަހައްޓައެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅުގައި ވަނީ ފާފަތަކުން ތައުބާވާ މީހާ ކުށެއް ނުކުރާ މީހެއް ފަދަ ކަމަށެވެ.
ރަސޫލް (ޞޢވ) ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިއްޕެވިކަން ސާބިތެވެ. އެހެންނަމަވެސް އެއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ. ވާޖިބެއް ނޫން ނަމަވެސް އެއީ މުޞްތަޙައްބުވެގެންވާ ކަމެވެ. އެހެނީ ރޯދަ ހިފުމަކީ މީހާ ކުރާ އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު އަޅުކަމެވެ.
ވީމާ މި 10 ދުވަހު ކުރާ ހެޔޮ އަމަލުތައް ގިނަކުރުމުގެ ގޮތުން ވީހައި ގިނައިން ރޯދަހިފާށެވެ! ކީރިތި ޤްރުއާން ކިޔަވާސެވެ! ޞަދަޤާތް ދޭށެވެ. އެނޫންވެސް ހެޔޮ އަމަލުތައް ކުރާށެވެ!
- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ވިދާޅުވި ޚުޠުބާއިން
ވީޑިއޯ: