މުސްލިމް ވޯލްޑް ލީގުން ހުރިހާ ދީންތަކެއްގެ މީހުން ބައިވެރިވާ ސަމިޓެއް ލަންކާގައި ބާއްވައިފި އެވެ.
ރައީސް މައިތިރިޕާލަ ސިރިސޭނަ ޝަރަފްވެރިކޮށްދެއްވި މި ސަމިޓުގައި ޔަހޫދީންނާއި ކްރިސްޓިއަނުންނާއި ހިންދޫންނާއި ބުދިސްޓުންނާއި މުސްލިމުންވެސް ބައިވެރިވިއެވެ.
މުސްލިމް ވޯލްޑް ލީގުން ބުނެފައިވަނީ މިފަދަ ސަމިޓެއް ބޭއްވުމުގެ ބޭނުމަކީ ހުރިހާ ދީންތަކެއްގެ މީހުންނަކީވެސް ގުޅިގެން އެކުވެރިކަމާއިއެކު އުޅެން ޖެހޭ ބައެއްކަން ހާމަކޮށް އެކަމަށް ހުރިހާ ދީންތަކެއްގެ ސަމާލުކަން ހޯދުން ކަމަށެވެ.
މި ބައްދަލުވުމުގައި ހުރިހާ ދީންތަކެއްގެ ދީނީ ޢިލްމުވެރިންނާއި ތަފާތު ފަންނުތަކުގެ މީހުން ހިމެނޭ ގޮތުން 2000 އަސްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ދީނީ ގޮތުން ތަފާތުވުމަކީ އިންސާނީ ގުޅުން ކަނޑައިލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ކޮންމެ ދީނަކަށް ނިޞްބަތްވީނަމަވެސް އެންމެނަށްވެސް އެކުގައި ދިރިއުޅެވެން ޖެހޭނެ ކަމަށެވެ.