އުރީދޫ މޯލްޑިވްސް ގެ ފަރާތުން މުޅިން އައު ޚިދުމަތެއް ކަމަށްވާ މޫލީ ޕްލެޓްފޯމް އިފްތިތާޙް ކޮށްފިއެވެ.
މިޕްލެޓްފޯމް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިރޭ ކުރުނބާ އައިލެންޑް ރިސޯޓްގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި، މިޚަފްލާގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
އުރީދޫ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ނާޖިބް ޚާން ވިދާޅުވީ، އުރީދޫއަށް މިފުރުނު 14 އަހަރުގެ ތެރޭގައި ވަރަށް ގިނަ ކުރިއެރުންތަކެއް އުރީދޫއަށް ލިބިފައިވާ ކަމަށާއި، އުރީދޫއިން އަދިވެސް ދާނީ ރާއްޖޭގެ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެެއް ދިނުމުގައި ކުރިއަށް ކަމަށެވެ.
މޫލީ އަކީ ކޮބާ؟ މޫލީ ގެ މާނައަކީ "މޫލުމެވެ". ނުވަތަ ހެދިބޮޑުވުމެވެ. މިއީ އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ޕްލެޓްފޯމެކެވެ. އެގޮތުން އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން ފިހާރައެއް ހުޅުވަން ބޭނުންނަމަ، އުރީދޫ މޫލީ ބޭނުން ކޮށްގެން ވަރޗުއަލް ފިހާރައެއް ހުޅުވުމަށް މަގުފަހިވެގެން ދާނެއެވެ.

މިރޭގެ މިޚަފްލާގައި އުރީދޫގެ ފަރާތުން ރައީސް ޞާލިޙަށް ވަނީ ހަނދާނީ ފިލައެއް ވެސް ހަދިޔާ ކުރައްވާފައެވެ.